19 Feb 2011, 09:40
މިއަދު ފެށި ކްރިކެޓް ވޯލްޑް ކަޕް ބާއްވާ ތިން ގައުމުންކުރެ ގައުމެއް ކުއާޓާ ފައިނަލަށް ހިނގައްޖެނަމަ އެބައެއްގެ ގައުމުގައި އެ މެޗެއް ކުޅޭ ގޮތަށް އިންޓަނޭޝަނަލް ކެރިކެޓް ކައުންސިލް (އައިސީސީން) ނިންމައިފި އެވެ.
ޖުމުލަ 14 ގައުމު ބައިވެރިވާ މުބާރާތް މި ފަހަރު ބާއްވަނީ ލަންކާ އާއި ބަނގްލްދޭޝް އަދި އިންޑިޔާގަ އެވެ.
މި ތިން ގައުމު ކުއާޓާ ފައިނަލަށް ހިނގައްޖެނަމަ އަމިއްލަ ގައުމުގައި އެ މެޗެއް ކުޅެން ފުރުސަތު ދޭން ނިންމި ނަމަވެސް މުބާރާތް ބާއްވާ ދެ ގައުމެއް ނޮކްއައުޓް މެޗެއްގައި ވާދަ ކުރަން ޖެހިއްޖެނަމަ މެޗު ކުޅޭނީ އައިސީސީގެ ރޭންކިންގައި ކުރީގައިވާ ގައުމަކަށެވެ.
މިގޮތަށް ނިންމުމުން އެންމެ އެޑްވާންޓޭޖް ބޮޑުވާނީ އިންޑިޔާ އަށެވެ. އެއީ މުބާރާތް ހުޅުވަން މިއަދު ބަނގަލަދޭޝްއާއެކު އެ ގައުމުގައި ކުޅޭ މެޗު ފިޔަވައި އެ ގައުމުގެ އެއްވެސް މެޗެއް ގައުމުން ބޭރުގައި ކުޅެން ނުޖެހޭނެތީ އެވެ.
މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ވެސް އިންޑިޔާގަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗު ކުޅޭނީ ބަނގްލަދޭޝްގަ އެވެ.