ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ރިއާސަތަށް ހުރަސް އަޅާ މެމްބަރުންގެ ކޮމިޓީ އެލަވަންސް އުނި ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން ނިންމައިފި އެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އާންމު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މިއަދު "ސަން" އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ރިއާސަތަށް ހުރަސް އަޅާ ނަމަ ކޮމިޓީ ހާޒިރީ އިން 55 ޕަސެންޓް އުނި ކުރާ ގޮތަށް އާންމު ކޮމިޓީ އިން މިއަދު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން ވަނީ ވޯޓު ނެންގެވުމުގެ ކުރިން ވޯކްއައުޓު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާ އިރު މަޖިލީހުގެ ރިއާސަތަށް ހުރަސް އަޅާ މެމްބަރުންގެ ކޮމިޓީ އެލަވަންސް އުނި ކުރާ ގޮތަށް މިއަދު ފާސްކޮށްފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން އަންނަނީ މަޖިލީހުގެ ޖަލްސާތަކުގައި އިހުތިޖާޖު ކުރަމުން ނެވެ.