އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީގެ މައްޗަށް 1-0 ގެ ހަނި ނަތީޖާއަކުން ކުރި ހޯދައި، ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެ ޕޮއިންޓް ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ތާވަލްގެ ފަސްވަނަ ދަމަހައްޓަމުން އަންނަ ލިވަޕޫލް މިހާރު ވަނީ ލީގުގައި މުޅިއެކު 54 ޕޮއިންޓް ހޯދާފައެވެ. އަދި 56 ޕޮއިންޓާއެކު ޔުނައިޓެޑް ތާވަލްގެ ހަތަރުވަނައިގައި އޮތްއިރު، އާސެނަލް ތިންވަނައިގައި އޮތީ ޔުނައިޓެޑަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޕްރިމިއާ ލީގުގައި ވާދަވެރި ދެ ކްލަބްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޔުނައިޓެޑާއި ލިވަޕޫލްއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް މިހާރު އޮތްއިރު، ދެން އެންމެ އަވަހަށް ކުޅޭ ލީގު މެޗުގައި ލިވަޕޫލް ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޔުނައިޓެޑާއެވެ. ތާވަލްގެ ހަތަރުވަނަ ހޯދާނެ ޓީމެއް އެނގިގެންދާ އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ސްވަންސީގެ އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލާ ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި، ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައީ ސްވަންސީ އެވެ. އެގޮތުން 15 ވަނަ މިނެޓުގައި ސްވަންސީގެ ގޮމިސް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމްގެ ކައިލް ނަގައިދިން ހުރަސް، ކީ ސަންގްޔެން އަތުން ވަނީ ބޭކާރު ވެފައެވެ. އެ ހާފްގެ މެދުތެރޭގައި ގޮމިސް އުފެއްދި ބާރު ޝޮޓު ލިވަޕޫލްގެ ކީޕަރު މިގްނޮލެޓް އުނދަގުލާއެކު ދިފާއުކޮށްފައި ވާއިރު، ނީލް ޓެއިލާ ދިން ޕާހަކުން ސިގާޑްސަން އުފެއްދި ޝޮޓުގެ ހުރަކަށްވެސް ވީ މިގްނޮލެޓް އެވެ. އަދި ފަހު ވަގުތުކޮޅު ސްވަންސީއަށް ލިބުނު ކޯނަރަކުން އެ ޓީމްގެ ޝެލްވީ ކުރިއަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ މިޑްފީލްޑަރު ލަލާނާ އެވެ. ފުރަތަމަ ހާފްގައި މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައި ނުވިނަމަވެސް، ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކީ ލިވަޕޫލް އެވެ. ކޫޓީނިއޯގެ ރަނގަޅު ހަމަލާއަކުން ލިވަޕޫލް އެ ހާފް ފެށިއިރު، މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 68 ވަނަ މިނެޓުގައި ލިވަޕޫލްގެ ހެންޑަސަންގެ ފަރާތުންނެވެ. އެ ހާފްގެ ފަހު ވަގުތުކޮޅު ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އިތުރު ވަގުތުގެ ތެރޭ ލިވަޕޫލަށް ވަނީ ނަތީޖާ ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސްޓަރިޖް ފޮނުވާލި ބާރު ޝޮޓު އަމާޒުވީ ސްވަންސީގެ ގޯލް ދަނޑިއަށެވެ. އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އެ ހަމަލާއާއެކު މެޗު ނިމިގެން ދިޔައީ ލިވަޕޫލަށް މުހިންމު ތިން ޕޮއިންޓް ލިބިގެނެވެ.