17 Mar 2015, 11:20
މަސައްކަތް ނުފެށި ހުރި ރިސޯޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސެކަންޑަރީ ވެރިފިކޭޝަން ރޫމުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އިއްޔެ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހި ސަރުކާރުން ތަރައްގީއަށް އިސްކަން ދެއްވައިގެން މުޅި ރާއްޖޭގެ ތަރައްގީއަށް ޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތަށް އަމާޒު ކުރަނީ ނުހެދި ހުރި ރިސޯޓްތައް ހެދުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ތަރައްގީގެ ވާހަކަ ދައްކާއިރު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، ދިވެހި ރާއްޖޭގައި ހުއްޓިފައި ހުރި ބައެއް ޕުރޮޖެކްޓްތައް މިހާރު ފެށިގެން ކުރިއަށް އެބަދޭ، މިޕުރޮޖެކްޓްތައް އަޅުގަނޑު މިވަގުތު މިއަމާޒު މިކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނުހެދި ހުރި ރިސޯޓްތަކުގެ މައްޗަށް." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އެރިސޯޓްތައް ތަރައްގީ ކުރަން ފެށުމުން މިސަރުކާރުން އަހަރެއްގެ ތެރޭގައި 10 ރިސޯޓް ހެދުމަށް ވައުދުވެފައިވާ އިރު ނުހެދި ރިސޯޓްތައް ހެދުމުން އެކަން ވާނީ ފަތުރުވެރިން މިހާރު ރާއްޖެ އަށް އަންނަ މިންވަރު އެތައް ގުނައަކަށް އިތުރުވާނެ ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ ގިނަ ރިސޯޓްތައް މާކެޓަށް ނެރުން ކަމަށާއި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ރިސޯޓްތައް މަރާމާތު ކުރުމަށް ގެންނަ ތަކެތިން ޑިއުޓީ ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.
"ނެހެދިފައި ހުރި ރިސޯޓްތަކާއި އަލަށް ހަދާ ރިސޯޓްތަކާއި އަދި ހަމަ އެހެންމެ މިހާރު އޮޕަރޭޓިން ރިސޯޓްތަކަށް ރީ ފާބިޝްކުރެވެން ގެނެވޭތަކެތިން ޑިއުޓީ މާފު ކުރުން، އެއީ ކޮންސްޓުރަކްޝަން ބޫސްޓު ކުރުމަށްޓަކައި،" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަކެތިން އިމްޕޯޓް މާފު ކުރުމުން ރިސޯޓްތަކުގެ ތަރައްގީ އަވަސްވެ އެ ރިސޯޓްތައް ހުޅުވުމުގެ ސަބަބުން ރާއްޖެ އަށް އިތުރު ޓެކްސްތަކެއް ލިބިގެންދާނެ ކަމަށެވެ.