ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ބޭ އިންސާފުން ކަމަށާއި އެ ޝަރީއަތުގައި އެމަނިކުފާނަށް ލިބެން ޖެހޭ ހައްގުތައް ލިބިފައިނުވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައިވާތީ އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކޮށްފި އެވެ.

ރޭ އިރުއޮށްސުނު އިރު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ނަން ހާމަ ކުރަން ބޭނުން ނުވާ މެމްބަރަކު "ސަން" އަށް ވިދާޅުވީ ކޮމިޓީގައި އެޗްއާރްސީއެމްގެ މެމްބަރުން ހާޒިރު ކުރުމަށް ފަހު ސުވާލުކޮށްފައި ވަނީ ރައީސް ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތުގައި އެމަނިކުފާނަށް ލިބެން ޖެހޭ ހައްގުތަކެއް ލިބިފައި ނުވާ ކަމަށް އެކޮމިޝަނުން ބުނެފައި ވާތީ އެކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެކެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިގެން ދިޔައީ ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އިރު އެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށާއި އެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ބޭ އިންސާފުން ކަމަށް އެފަރާތުން ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ އެޗްއާރްސީމްގެ މެމްބަރުން ވަކިވަކިން ހާޒިރު ކުރި މި ބައްދަލުވުން ރޭ ފުދޭވަރަކަށް ދަން ވަންދެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ޖިނާއީ ކޯޓުގައި ކުރިއަށް ދިޔަ އިރު އަސާސީ ބައެއް ހައްގުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް އެ މަނިކުފާނަށް ލިބިފައިނުވާ ކަމަށެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ ޝަރީއަތާ ގުޅިގެން ގެއްލިދާ ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް އެކަން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް ހުކުމް ކުރުމާ ހަމައަށް ވެސް އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންކަމަށް ވުމުން އެކޮމިޝަންގެ ކަންބޮޑުވުންތައް އެމައްސަލަ އިސްތިއުނާފު މަރުހަލާގައި ފަނޑިޔާރުންގެ އިޒްނައާ އެކު ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެކޮމިޝަން އިން ބުންޏެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފޮރުވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އެ ކުށް ސާބިތުވުމާ ގުޅިގެން ވަނީ 13 އަހަރަށް ޖަލަށް ހުކުމް ކޮށްފަ އެވެ.