17 Mar 2015, 10:07
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގައި، ރޭ ކުޅުނު ފުރަތަމަ މެޗު ފެނަކަ އަދި ދެވަނަ މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބު ކޮށްފި އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެނަކަ ޓީމާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. އެ މެޗު ފެނަކަ ޓީމު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުން ނެވެ.
އެ މެޗުގެ އިތުރުން އެ މުބާރާތުގެ އަންހެން ޑިވިޝަން ކަމަށްވާ 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގައި، ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިރާގު ގާލްސް އާއި ދިވެހި ސިފައިންގެ ކްލަބެވެ. އެ މެޗު ސިފައިން ކާމިޔާބު ކުރީ ތަފާތު ބޮޑު 11-0 ގެ ނަތީޖާއަކުންނެވެ.
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައިލޯ ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރަހިމް އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން އެ ހަފްލާގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދުވެސް ބައިވެރިވެ ވަޑައިންނެވިއެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ރާވާފައިވާ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގައި މިފަހަރު 36 ޓީމް ވާދަކުރާއިރު، 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގައި މުޅިއެކު 12 ޓީމް ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން ނުވަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އަންހެން ބައި ކުރިއަށް ގެންދަނީ ޓީމްތައް ތިން ގްރޫޕަކަށް ބަހަލައިންނެވެ.
މިއީ މައިލޯ ކްލަބް މޯލްޑިވްސް ކަޕް ބާއްވާ 10 ވަނަ އަހަރެވެ. އަދި އެ މުބާރާތުގެ އަންހެން ބައި، 30/18 ވިމެންސް ފުޓްސެލް ފިއެސްޓާ ބާއްވާ ހަވަނަ އަހަރެވެ. އެ މުބާރާތުގައި މިއަދު ހަވީރު ދެ މެޗާއި، ރޭގަނޑު ހަތަރު މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ.