ބްރަސަލްސް (މާޗް 17) : އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެގައުމުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް އާއި ޔޫރަޕްގެެ ބޮޑެތި ބާރުތަކުގެ ޚާރިޖީ ވަޒީރުން ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި ރޭގައި ކުރެއްވި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ޖަރުމަނުގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޔޫރަޕްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ އާ އެކު އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ވަރަށް ފުން އަދި ސީރިޔަސް މަޝްވަރާތަކެއް ކުރިޔަށް ގެންދަވާފަ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގައި ދެފަރާތުގެ ދެމެދުގައި ކުރިންހުރި ޚިލާފްތައް މިމަޝްވަރާތަކުން ކުޑަކުރެވިފައިނުވާ ކަމަށް ޑިޕްލޮމޭޓުން ވިދާޅުވި އެވެ.

ޔޫރަޕްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ފެޑްރިކާ މޮގެރިނީ ވިދާޅުވެފައި ވަނީ މަޝްވަރާތައް ރަނގަނޅު ކަމުގަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޑރ. ޖަވާދު ޒަރީފް ބްރަސަލްސް އަށް ވަޑައިގެންނެވީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާ އެކު ސްވިސްޓްޒަރލޭންޑްގައި ވެސް މަޝްވަރާތަކެއް ކުރެއްވުމަށްފަހުގަ އެވެ. ކެރީ އާއި ޒަރީފްގެ މިމަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން އެދެބޭފުޅުން އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލާގައި ހުޅަނގާއި އީރާނާދެމެދު އެއްބަސްވުމަކަށް އައުމަށް އެކަށައަޅާފައިވާ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ. (ރޮއިޓާސް)