17 Mar 2015, 10:02
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މަޖިލިސް މެންބަރުން މިއަދު ވެސް ތާޅަފިއްޔާއި ދުންމާރި ފުމެ އަޑުގަދަކުރަމުން ދިޔަ ނަމަވެސް ޖަލްސާ ކުރިއަށް އެބަގެންދެ އެވެ.
މަޖިލީހުގެ 'ފީޑް' ކަނޑާލާފައިވުމުގެ ސަބަބުން އެ މަންޒަރުތައް ނުފެނެ އެވެ. މިއަދުގެ ޖަލްސާއާ ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް 'ސަން' އަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަޑުގަދަ ކުރަމުން ދިޔަ ނަމަވެސް މިއަދުގެ މަޖިލިސް ކުރިއަށް ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން ބަހުސް ކުރަމުން މިދަނީ، އެމީހުން [ އަޑުގަދަ] ކުރަމުންދަނީ. އަޅުގަނޑުމެން ހުއްޓައެއް ނުލަން އިބްތިދާއީ ބަހުސްގެ ތެރޭގައި މިހާރު ކުރިއަށް ދަނީ." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މިއަދު ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފަނީ ދިވެހި ރާއްޖޭގެ ކުޅިވަރު ބިލާއި ގުޅޭގޮތުން ބަހުސް ކުރުމެވެ.
އެމްޑީޕީގެ މެންބަރުންގެ އަމަލުތަށް އެހެން ހުރި އިރު، މަޖިލިސް ކުރިއަށްގެންދާ ވަގުތުތަކުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ބަހުސް ކުރައްވަމުން ދަނީ ހެޑްސެޓް އަޅުއްވައިގެން ތިއްބަވައިގެންނެވެ. އެފަދަ ވަގުތުތަކުގައި ވެސް އެމްޑީޕީގެ މެމްބަރުން އަޑުގަދަކުރައްވައި މެންބަރުންގެ މޭޒުކައިރިއަށް ވަޑައިގެން ހުރަސްއަޅުއްވާ މަންޒަރު ފެނެ އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީސް ތެރޭގައި އިހުތިޖާޖު ކުރައްވަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުން، ކުރީގެ ރައީސް ނަޝީދު ދޫކޮށްލަންދެން އެބޭފުޅުން އިހުތިޖާޖު ކުރާނެ އެވެ.