17 Mar 2015, 09:50
އަންކަރާ (މާޗް 17) : ތުރުކީ މިސްރާބު ޖަހާފައި ވަނީ ސިނާޢީ ދައުލަތަކަށް ބަދަލުވުމަށް ކަމަށާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ތުރުކީ ބަލިކަށިކޮށް ނިކަމެތިކޮށްލުމަށް ދުޝްމަނުން ރޭވި ރޭވުންތައް ނާކާމިޔާބުވެފައިވާ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ އަސްކަރީ ސިނާޢަތާ ބެހޭ މަރުކަޒެއް އިފްތިތާޙް ކުރުމަށް އަންކަރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީ އިގްތިސާދީ ގޮތުންނާއި އެނޫން ގޮތްގޮތުން ބަލިކަށިކޮށްލުމަކީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ފަހަތުގައިވާ ލަނޑުދަނޑިތަކުގެ ތެރޭން ލަނޑުދަނޑިއެއް ކަމުގަ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ ސީރިޔާގެ ރައްޔިތުންގެ ތެރެއިން ތިން މިލިޔަނަށް ވުރެ ގިނަ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަންދިނުމަށާއި ކާބޯތަކެއްޗާއި ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ފަސް ބިލިޔަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފާއިތުވި ހަތަރުއަހަރު ތުރުކީން ޚަރަދުކޮށްފައިވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
މިކަމުގެ ނޭދެވޭ އަސަރުތައް ތުރުކީގެ އިގްތިސާދަށް ވަރަށް ބޮޑުނަމަވެސް ސީރިޔާގެ މުސްލިމް އަޚުންނާއި އުޚުތުން ހާލުގައިޖެހިފައިވާ މިވަގުތުގައި އެމީހުންނަށް ފުރަގަސް ނުދިނުމަށް އޭނާގެ ސަރުކާރުން ނިންމާފައިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި އޭނާގެ ޒަޢާމަތުގައި ތުރުކީ މިސްރާބު ޖަހާފައި ވަނީ ސިނާޢީ ދައުލަތަކަށް ބަދަލުވުމަށްކަމަށާ އަސްކަރީ ސިނާޢަތުގައި އަމިއްލަ ނަފްސަށް ބަރޯސާވާ ގައުމަކަށް މާދުރުނޫން މުސްތަގްބަލެއްގައި ތުރުކީވިލާތްވެގެންދާނެ ކަމުގަ އެވެ. އުރުދުޣާން ވިދާޅުވީ އަސްކަރީ އަދި ދިފާޢީ ކަންކަމަށްބޭނުންވާ މައިގަނޑު ހުރިހާ ހަތިޔާރެއް އެންމެ ޒަމާނީ ޓެކްނޮލޮޖީގައި އަމިއްލައަށް އުފެއްދުމަށް އޭނާގެ ސަރުކާރުން ވަރަށް އުންމީދީ ޕްރޮގްރާމެއް ހިންގަމުން ގެންދާކަމުގަ އެވެ. ދެހާސް ތޭވީސް ވަނަ އަހަރާ ހަމައަށްދާއިރު މިލަނޑުދަނޑި ޙާސިލްވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތުރުކީން ގެންދަނީ އަސްކަރީ ފައިޓަރޖެޓާއި އަސްކަރީ ހެލިކޮޕްޓަރާއި ޓޭންކުގެ އިތުރުން އަސްކަރީ މަނަވަރުތަކާއި ޖާސޫސުކުރާ ޑްރޯން މަތިންދާބޯޓާއި އެކިބާވަތުގެ ރޮކެޓާއި މިސައިލްވެސް އުފެއްދުމުގެ ބިޔަ މަޝްރޫޢުތަކެއް ތަންފީޒު ކުރަމުންނެވެ. (އަލްޖަޒީރާ)