17 Mar 2015, 09:47
ލަވަކިޔުންތެރިން އުފައްދާ ރިއަލިޓީ ޓީވީ ޝޯ "އެކްސް ފެކްޓާ" ސީރީޒްގެ ނިއުޒިލެންޑްގައި ކުރިއަށްދާ މުބާރާތުގެ ބައިވެރިއަކަށް ޝޯގެ ތެރޭގައި ހަނގާ ކުރުމާ ގުޅިގެން ދެ ޖަޖުން ވަޒީފާއިން ވަކި ކޮށްފި އެވެ.
ދެމަފިރި ޖަޖުން ކަމަށްވާ ނަޓާލިއާ ކިލްސް އާއި ވިލީ މޫން ޖަޖުންގެ މަގާމުން ވަކި ކޮށްފައި ވަނީ ރޭގެ ޝޯގައި މުބާރާތުގެ ބައިވެރިއެއް ކަމަށްވާ ޖޯ އާވިން ހެދުން އަޅާފައިވާ ގޮތާ ގުޅިގެންނެވެ.
ޖަސްޓިން ޓިމްބަލޭކްގެ "ކްރައި މީ އަ ރިވާ" ކިޔުމަށް ފަހު ހުއްޓުމާއެކު ނަޓާލިއާ ކިލްސް ވަނީ ޖޯ އަށް ހަނގާ ކުރަން ފަށާފަ އެވެ. ކިލްސް ބުނާ ގޮތުގައި ރޭގެ ޝޯގައި ކޯޓުލައި ބޮލުގައި ޖެލް ލައި މޫންގެ އިސްތަށިގަނޑު ހުންނަ ގޮތައް ކޮޕީ ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ.
އޭނާ ހިންގި އަމަލީ އާޓިސްޓެއްގެ ގޮތުން ކޮށްގެން ނުވާނެ ފަދަ ހަޑި އަމަލެއް ކަމަށް ކިލްސް ބުނެފައިވެ އެވެ. އަދި ކްރިއޭޓިވީއަށާއި އޮރިޖިނޭލިޓީއަށް ހަޖޫ ޖަހާފައިވާ ކަމަށްވެސް ކިލްސް ބުންޏެވެ.
އެ ހުރިހާ ހުތުރު ބަސްތަކެއް ޖޯއަށް ރައްދުވި ކަމުގައިވި ނަމަވެސް ރީތި ކޮށް އެ އަޑުއެހުމަށް ފަހު ކިލްސްގެ ވާހަކަ ނިމުމާއެކު އޭނާ ވަނީ އޯގާތެރި ކަމާއެކު އޭނާ އަށް ތައުރީފް ކޮށްފައެވެ.
ހަނގާ ކުރުމުގެ މައްސަލަ ފެށުމާއެކު މާ ގިނަ އިރުތަކެއް ނުވެ ސޯޝަލް މީޑިއާގައި އެ އަޑުތައް ފެތުރި ގިނަ ބަޔަކު އެ ދެމަފިރިން ވަޒީފާއިން ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިވެ އެވެ. އެއާ ގުޅިގެން އެ ދެމީހުން ވަޒީފާ އިން ވަކި ކުރި ކަމަށް މީޑިއާވޯކްސްގެ ޗީފް އެގްޒެކިއުޓިވް މާކް ވެލްޑަން ވަނީ މިއަދު ވިދާޅުވެފަ އެވެ.