19 Feb 2011, 09:34
މަނާމާ : ގަލްފުގައިވާ ޢަރަބި ކުޑަ ޤައުމެއް ކަމަށްވާ ބަޙްރައިންގައި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ އެތަށް ހާސްބަޔކު ކުރި މުޒާހަރާތަކުގައި މަރާލެވުނު ފަސްމީހުންގެ ތެރެއިން ދެމީހެއްގެ ޖަނާޒާގައި އެޤައުމުގެ ޢާންމުންގެ އެތަށް ހާސްބަޔަކު ބައިވެރިވެއްޖެއެވެ.
ހުކުރުދުވަހު ބޭއްވި މިޖަނާޒާގައި ބައިވެރިވި ރައްޔިތުންގެ އެތަށްހާސްބަޔަކު، ބަޙްރައިންގެ ވިރާޘީ ރަސްކަމުގެ ނިޒާމު ވައްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ. ނަމަވެސް މި ޖަނާޒާ ކުރިޔަށްދިޔައިރު ބަޙްރައިންގެ ސަލާމަތީ ބާރުތައް އެތަނުން ނުފެންނަ ކަމަށް ޖަނާޒާގައި ބައިވެރިވި ބައެއް މީހުންނާ ހަވަލާދީ އަލްޖަޒީރާ ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަޙްރައިންގެ އެތަށް ހާސްބަޔަކު ސަރުކާރާ ދެކޮޅަށް ކުރިމުޒާހަރާގައި ގޮވާލަމުންދިޔައީ ޤައުމަށް ސިޔާސީ އިސްލާހްތައް ގެނައުމަށެވެ. ނަމަވެސް ސުލްހަވެރި މި މުޒާހަރާތަކާ ދެކޮޅަށް ބަޙްރައިންގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް 5 މީހަކު މަރާލައި ގިނަޢަދަދެއްގެ ބަޔަކު ޒަޚަމް ކޮށްލުމުން ސަރުކާރާ އިދިކޮޅު ފަރާތްތައް މިހާރުގެންދަނީ އިސްލާޙްތަކުގެ ބަދަލުގައި ބަހްރައިންގެ ވިރާޘީ ރަސްކަން ވައްޓާލައި ރައްޔިތުންގެ ތަމްޘީލްކުރާ ދިމުޤްރާތީ ވެރިކަމެއް ޤާއިމް ކުރުމަށް ގޮވާލަމުންނެވެ.
ބަޙްރައިނަކީ އެމެރިކާގެ ފަސްވަނަ ފްލީޓަށް ކަނޑުގެ ފަސޭހަތައް ދޭ އެމެރިކާގެ ބޭހެއް އޮންނަ އެމެރިކާއަށް ބަރޯސާ ކުރާ ވިރާޘީ ރަސްކަމެއްކުރާ ޤައުމަކަށްވާތީ އެެމެރިކާވަނީ މިކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ބަޙްރައިންގެ އަޣްލަބިއްޔަތު އޮންނަނީ ޝިޔަޢީންނަށް ކަަމަށްވެފައި ބަޙްރައިންގެ ވިރާޘީ ރަސްކަން ވެއްޓި ޑިމޮކްރަސީއެއް ޤާއިމްވެއްޖެނަމަ އެޤއުމުން އީރާނާއެކު ގާތްގުޅުންތަކެއް އުފައްދަފާނެކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރާ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ޕެންޓަގަންއިންވަނީ ބަހްރައިންގެ ރަސްގެފާނު ޙަމަދްބިން ޢީސާ ގެ ނިޒާމަކީ އެމެރިކާއަށް މުހިއްމު ނިޒާމެއް ކަމަށް ސިފަކޮށްފައެވެ.