10:00


ލ. އަތޮޅުގައި ދޯންޏަކާ ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.


އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 7:30 ހާއިރު ހިނގި އެހާދިސާގައި ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ސަލާމަތްކުރެވިފައި ވީނަމަވެސް އެ ދޯނީގެ ފަހަތުގައި ދޯނި ދުއްވަން ހުރި ލ.ހިތަދޫ ކުދިލުނބޯމާގޭ، އުމުރުން 35 އަހަރުގެ އިބްރާހިމް ޝަރީފް އަދިވެސް ހޯދައި ނުފެންނަ ކަމަށެވެ.


އޮފިޝަލް ވިދާޅުވީ މިހާދިސާ ހިނގީ އެއަތޮޅު ކައްދޫ އިން ފުރައިގެން އެއަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ އޮޅުވެއްޔަށް ދަތުރު ކުރި ލޯންޗެއް އެސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯންޏެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ. އަދި މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގެ ފަހަތުގައި ލޯންޗުން ޖެހެން ދިމާވީ ދޯނީގެ ފަހަތުގައި ނެވިގޭޝަން ލައިޓް ނެތުމުން ކަމަށާއި އެ އެކްސިޑެންޓް ހިނގި ވަގުތު ދޯނީގެ ފަހަތުގެ ހުރީ މިހާދިސާގައި މޫދަށް ވެއްޓިގެން ގެއްލިގެން ހޯދަމުން އަންނަ ޝަރީފް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.


މިހާދިސާގައި އެ ދޯނިން ދަތުރުކުރި ތިން މީހުންވެސް މޫދަށް ވެއްޓުނު ކަމަށާއި ނަމަވެސް އެމީހުން ހަޅޭލަވާ އަޑަށް އެލޯންޗު އެނބުރި އައިސް އެތަނުން ދެ މީހަކު ލޯންޗަށް އަރުވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން އަދި ވެސް އެސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.