17 Mar 2015, 09:45
ދިވެހީންގެ ވިޔަފާރީގެ މަރުކަޒެއްކަމަށްވާ، ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ޝެޑިއުލް ދަތުރިތައް ފެށުމަށް ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ، އަންނަ ހުކުރު ދުވަހުން ފެށިގެން މޯލްޑިވިއަންއިން ބެންކޮކަށް ޝެޑިއުލް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފުރަތަމަ މަސްދުވަހުގެ ތެރޭގައި ބެންކޮކް-މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 333 ޑޮލަރު (5134.86 ރުފިޔާ) ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފެށެނީ ހަމަ ޝެޑިއުލް ދަތުރުތަކެއް. ޓާގެޓް ކުރެވިފައިވަނީ ބޮޑަށް ދިވެހިންނަށް. ދިވެހި ވިޔަފާރިވެރިންނަށް،" ނަޝާތު ވިދާޅުވި އެވެ.
މޯލްޑިވިއަން އިން މާލެއިން ބެންކޮކަށް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހު ދަތުރުކުރުމަށް ނިންމާފައިވާއިރު ބެންކޮކުން މާލެއަށް ދަތުރުކުރުމަށް ނިންމާފައިވަނީ ކޮންމެ ހުކުރު ދުވަހަކާއި އާދިއްތަ ދުވަހު އެވެ.
ބެންކޮކް ދަތުރުތަކަށް މޯލްޑިވިއަންއިން ބޭނުން ކުރުމަށް ނިންމާފައިވަނީ އެ އެއާލައިންގެ އެއާބަސް ފުލައިޓުތަކެވެ.
މޯލްޑިވިއަންގެ އުދުހުންތަކުގައި މިހާރު އެއާބަސް މަރުކާގެ ދެ ފުލައިޓް ބޭނުން ކުރެއެވެ. އެއީ 200 މީހުންގެ ޖާގައިގެ ބޯޓަކާއި 152 މީހުންގެ ޖާގައިގެ ބޯޓެކެވެ.