17 Mar 2015, 09:37
ޓުއަރިޒަމް ބޮއިކޮޓް ކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނަގާ ކޮންމެ ރާޅަކާއި ގުޅިގެން ކޮންމެ ފަހަރަކު ވެސް އަންނަ ކަމެކެވެ. ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ގައިދީންތަކަކަށް ބަޑި ޖެހި ހާދިސާ އާ ގުޅިގެންނެވެ. އަދި 2004 ވަނަ އަހަރު އޮގަސްޓް 12، 13 ކުރި މުޒާހަރާތަކާ ގުޅިގެން އެ އަޑު އިތުރަށް ގަދަވި އެވެ.
އިނގިރޭސި ރައްޔިތެއް ކަމަށްވާ ޑޭވިޑް ހާޑިންހަމްގެ ޖަމްއިއްޔާ އެއް ކަމަށްވާ ފްރެންޑްސް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގައި ވަރަށް ހަރަކާތްތެރި އަދި ވަރަށް އިސްދައުރެއް އަދާކޮށްފަ އެވެ.
ދެހާސް އަށެއްގެ ރިޔާސީ އިންތިޚާބަށް ފަހު ބޮއިކޮޓް ކުރުމުގެ ވާހަކަަތައް އެއްކޮށް ހުއްޓުމަަކަށް އައެވެ. ނަމަވެސް ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރުމުން އޭގެ ހިޔަނި ފަތުރުވެރިކަމުގެ ސިނާއަތަށް އެޅުނެވެ. އަނެއްކާ ވެސް ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ވާހަކަތައް ފެންމަތިވީ ފެބްރުއަރީ ހަތެއްގައި ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ.
ޓޫރިސްޓުން ރާއްޖެ ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 1 ޖުލައި 2012 ގައި ފައިނޭޝިއަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއްގައި ގޮވާލެއްވި އެވެ. އަދި 2012 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ބޮއިކޮޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރަކަށެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ވޯޓްލުން ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވައިލެއްވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރުމަށެވެ.
އާއްމުކޮށް ސިޔާސީ ކަންތަކާއި ގުޅުވައިގެން ފަތުރުވެރިކަން ބޮއިކޮޓް ކުރާ ވާހަކަ ދެކެވުނު ނަމަވެސް، ރާއްޖޭގެ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެން 2014 ވަނަ އަހަރުގެ މާޗް މަހު ތެރޭ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ކެމްޕޭނެއް ފެށުނެވެ. އެއީ ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ހައްދު ޖަހަން ޖުވެނައިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އެ ކަންތައްތަކުން ދޭހަވެގެންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންްމެ ލޮޅުމެއް އަދި ބައެއް ފަހަރު ބޭރު ދުނިޔޭގެ ސަމާލުކަން ބޭނުންވާ ފަހަރުތަކުގައި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ބަޔަކު މަސަައްކަތް ކުރާކަމެވެ.
ރައީސް ނަޝީދުގެ ޝަރިއަތާ ގުޅިގެން މިއަދު ވަނީ އަނެއްކާ ވެސް ބޮއިކޮޓްގެ ވާހަކަ ދެކެވެން ފަށާފަ އެވެ. އެއްވެސް ޕާޓީއަކުން އަދި އެއްވެސް ޖަމާއަތަކުން ރަސްމީކޮށް މިފަދަ ގޮވާލުމެއް ގޮވާލާފައި ނުވި ނަމަވެސް ބޭރުގެ މަދު ބަޔަކާއި ރާއްޖޭގެ ވެސް މަދު ބަޔަކު މިދަނީ ސޯޝަލް މީޑިއާގައި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލުމުންނެވެ. ވާޖިން ގުރޫޕްގެ ބާނީ ރިޗާޑް ބްރޭންސަން ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ޑިމޮކްރަސީ އިއާދަވަންދެން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާފަ އެވެ. އަދި މި ނޫނަސް ބައެއް ފަރާތްތަކުން ވަނީ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާތަކުގަިއ ވަނީ މި ވާހަކަތައް ގެނެސްފަ އެވެ.
ޓުއަރިޒަމް ބޮއިކޮޓް ކުރުމުން ވާނީ ކޮން ގެއްލުމެއް؟
ޓުއަރިޒަމް ބޮއިކޮޓް ކުރުމުގެ ސަބަބުން އެއްމެ ބޮޑަށް އޭގެ އަސަރުކުރާ ބަޔަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ވެރިންނަށެވެ. ސަބަބަކީ ރިސޯޓް މުވައްޒަފުންގެ އާމްދަނީގެ ބޮޑުބަޔަކީ ޓިޕްސް އާއި ސާވިސް ޗާޖެވެ. މި ދެ ކަންތައް ގިނަ ފަހަރު ބިނާވެފައި އޮންނަނީ ފަތުރުވެރިން އަންނަ ނިސްބަތަކަށެވެ. އާއްމުކޮށް ރިސޯޓަކުން ސާވިސްޗާޖާއި ޓިޕްސްގެ ގޮތުގައި މަހަކު 300 ޑޮލަރާއި 900 ޑޮލަރު ކޮންމެ މުވައްޒަފަކަށް ލިބޭ ކަމަށް ބައެއް ރިސޯޓް މުވައްޒަފުން ބުނެ އެވެ.
"ރިސޯޓަށް އަންނަ ފަތުރުވެރިން މަދުވެއްޖެއްްޔާ އެއީ އެ ރިސޯޓެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް،" ޓުއަރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ.
މުވައްޒަފުންނަށް ދިމާވާ އަނެއް މައްސަލައަކީ ފަތުރުވެރިން މަދުވެ ރިސޯޓަށް ޖުމްލަ ލިބޭ އާމްދަނީ މަދުވެއްޖެ ނަަމަ ދެން ރިސޯޓުން ވިސްނާނީ ޚަރަދު ކުޑަކުރުމަށެވެ. މިއީ ވިޔަފާރީގެ އަސާސެކެވެ. ނަތީޖާއަކަށް ވެގެންދާނީ އެތައް މުއައްޒަފަކު މަގުމަތިވުމެވެ.
ފަތުރުވެރިކަން ބޮއިކޮޓް ކުރުމުން ރިސޯޓް ވެރިންނަށް ވެސް އޭގެ ގެއްލުންވެ އެވެ. ރިސޯޓަށް ލިބޭ އާމްދަނީ މަދުވެ، އެ ރިސޯޓަށް ގެއްލުންވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފަތުރުވެރިން މަދުވުމުން ޓްރެލް އެޖެންޓުންނާއި ޓުުއާ އޮޕަރޭޓަރުންނަށް ވެސް ލިބޭ އާމްދަނީ މަދުވެގެންދާނެ އެވެ. ފަތުރުވެރިން އައުން މަދުވުމުން ސަރުކާރަށް ވާ ގެއްލުމަކީ ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީ މަދުވުމެވެ. ހުވަފެން ފުށި ރިސޯޓް އޮޕަރޭޓް ކުރާ މައިނާ ގްރޫޕްގެ މާކެޓިން ޑިރެކްޓަރު އެލިޒަބަތު ސްމައިލްސް ވިދާޅުވީ ހުވަފެންފުށި ރިސޯޓަށް އަންނަ ފަތުރުވެރިން މަދުނުވާ ކަމަށާއި އަދި އެއްވެސް ބުކިން އެއްވެސް ކެންސަލްކޮށްފައި ނުވާ ކަމަށެވެ.
"ފަތުރުވެރިކަމަކީ ސިޔާސީ ކަމެއް ނޫން. ސިޔާސީ ކަންތައްތައް މި އޮންނަނީ ދެ ޕާޓީއެއްގެ ދެމެދުގައި،" އެލިޒަބަތު ވިދާޅުވި އެވެ. އަދި އެ ރިޒޯޓުން އަބަދު ވެސް ކުރާނެ މަސައްކަތަކީ ރާއްޖޭ ފަތުރުވެރިކަމުގެ ރީތި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށް އެލިޒަބަތު ވިދާޅުވި އެވެ.
ފަތުރުވެރިކަމާ ބެހޭ ގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ދޭތެރޭ ކަންބޮޑުވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
"ބޮޑަށް މި ވާހަކަތައް މި ދެކެވެނީ އިންގްލިޝް މީޑިއާގައި. މީގެ ސަބަބުން ޑެސްޓިނޭޝަންގެ އިމޭޖް ގޯސްވާނެ،" ގިޔާސް ވިދާޅުވި އެވެ. އެހެންނަމަވެސް ދަތުރުތައް ކެންސަލްކުރާ ކަމުގެ އެއްވެސް ރިޕޯޓެއް އަދި ލިބިފައި ނެތްކަމަށް ގިޔާސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހާލަތާއި ގުޅޭ ތެދު މައުލޫމާތު އިންޓަރނޭޝަނަލް މީޑިއާ އަށް ދޭން ޖެހޭ ކަމަށް ގިޔާސް ވިދާޅުވި އެވެ.
ފަތުރުވެރިކަމާއި ގައުމީ އުފެންދުންތެރިކަމުގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ. ރާއްޖެ ވަންނަ ބޭރު ފައިސާގެ 70 ނުވަތަ 80 ޕަސެންޓަކީ ފަތުރުވެރިކަމުން ވަންނަ ބޭރު ފައިސާ އެވެ. އެހެން ކަމުން ފަތުރުވެރިކަމަށް ކުރާ ކޮންމެ އަސަރެއް މުޅި އިގްތިސާދަށް ކުރާނެ އެވެ. ރާއްޖެ މުދާ އެތެރެކޮށް ވިއްކާ އެއްމެ ބޮޑު ވިޔަފާރިވެރިޔާ އިން ފެށިގެން ގޮސް މާރުކޭޓް ގޮޅީގައި ވިޔަފާރި ކުރާ މީހާ އަށް ވެސް މި އަސަރު ކުރާނެއެވެ. ސަބަބަކީ ރާއްޖެއަށް އެތެރެކުރެވޭ ތަކެތީގެ ބައެއް މި އެތެރެކުރެވެނީ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ބޭނުމަށެވެ.
ފަތުރުވެރިން ނައުމަށް ގޮވާލުމުން އޭގެ އެންމެ ބޮޑު ގެެއްލުމަކީ މި ކަންތައްތަކުގެ ސަބަބުން ދިގު މުއްދަތަކަށް އޭގެ އަސަރު ކުރުމެވެ.
މިހާރު ވެސް ރާއްޖޭގެ ހަމަނުޖެހުމުގެ ވާހަކަ ބޮޑެތި މީޑިއާ ތަކުން ގެނެސްދެ އެވެ. ނަމަވެސް މަސްރަހު އަމާންވުމުން އެ ވާހަކައެއް ނާންނާނެ އެވެ. މީގެ ސަބަބުން ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަ ކުރާ މި ރާއްޖޭގެ 'އިމޭޖް' ގޯސްވެ އެވެ.
ދާދި ފަހުން އެމްއެމްޕީއާރުސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަހުމަދު އަދީބު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އަސަރެެއް ނުކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކުރަނީ ގައުމަށް ހެޔޮނޭދޭތީ ކަމަށް އަދީބު ވިދާޅުވި އެެވެ. ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަަކައި ކުރެވޭ މަސައްކަތްތައް އެމްއެމްޕީއާރުސީން ވަނީ އިތުރުކޮށްފަ އެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ ގިނަ ވިޔަފާރިތައް އެއަށް ބަރޯސާވާ ސިނާއަތެކެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ ވަރަށް ތަސައްރަފު ނުފުދޭ އަމަލެއް ކަމަށެެވެ.
"ރުޅި އަންނަ ކޮންމެ ފަހަަރަކު ބަޑި ނަގާ ބޮލުގައި ޖެއްސުމަކީ އެއީ ހަމަޖެހޭ އުސޫލެއް ނޫން،" އާސިފް ވިދާޅުވި އެވެ. އަދި އިގްތިސާދަށް ގެއްލުންވާ ފަދަ ކަންތައް ކުރާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަަށް އާސިފް ގޮވާލެއްވި އެވެ.
ފަތުރުވެރިކަމުގެ ތަފާސް ހިސާބަށް ނެގެނީ ބުކިން ހަދާފައި ކެންސަލް ކުރާ ފަރާތްތައް އެކަންޏެވެ. ރާއްޖެ އަށް އަންނަށް ނިންމާފައި އެކަމަކު ބުކިން ނަހަދާ ޚިޔާލުބަދަލު ކުރަނީ ކިތައް މީހުންކަމެއް ދެނެގަންނާނީ ކިހިނެއްތޯ އެވެ. ފަތުރުވެރިކަމަށް ލިބޭ ބައެއް ގެއްލުން ހިސާބުކުރެވުނު ނަމަވެސް ގެއްލިގެންދާ ފުރުސަތުތަކުގެ އަގު ނުވަތަ އޮޕަޗިއުނިޓީ ކޯސްޓް ވިޔައެއް ނުކުރެވޭނެ އެވެ.
ރާއްޖެ އަށް ފަތުރުވެރިން ނައުމަށް ގޮވާލުމަކީ ކާންދޭ އަތުގައި ދަތްއެޅުން ކަހަލަ ކަމަކެވެ. ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަތިލުމަށް މަސައްކަތް ކުރާނަމަ އޭގެ ސަބަބުން ފަނާވެގެންދާނީ ދިވެހި އިގްތިސާދެވެ. އަކަމުގެ ހިތާމަ ކުރަންޖެހޭނީ ދިވެހި ހުރިހާ ރައްޔިތުންނެވެ. ކަތިލެވިގެން ދަނީ ދިވެހި އިގްތިސާދުގެ ލޭނާރެވެ.