ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކްގައި، މަނާ ކުރާ ބާވަތުގެ ތަކެއްޗަށް އިތުރު ބަދަލުތަކެއް ގެނެސް އާންމުުންނަށް އެ މައުލޫމާތު ތަފްސީލުކޮށް ލިބޭނޭ ގައިޑްލައިނެއް އެކުލަވާލައިފި އެވެ.

ފޭސްބުކް އިން އެ ނެޓްވޯކުގެ ކޮމިއުނިޓީ ސްޓެންޑަޑަށް ގެނައި އައު ބަދަލުތަކާއެކު ފޭސްބުކްގެ ޕޯސްޓުތަކަކީ ނުރައްކާތެރި ޖަމާއަތްކަށް ނިސްބަތްވާ ޕޯސްޓެއް ކަމުގައި ވާނަމަ އެ ކަމެއް ރިޕޯޓު ކުރެވޭނެ އެވެ. ފޭސްބުކްގައި ބަރަހަނާ ފޮޓޯ ފަދަ ތަކެތި ޝާއިއު ކުރާ ފަރާތްތަކަށް އިތުރު މައުލޫމާތުތަކެއް ފޯރުކޮށްދޭން ޖެހޭނެ އެވެ.

ފޭސްބުކްގެ ހިދުމަތްތައް ފުޅާ ކުރުމަށް ގެނައި ބަދަލާމެދު ސޭފްޓީ އެޑްވައިޒަރުންގެ ތައުރީފު ވަނީ ލިބިފައެވެ.

ފޭސްބުކްގައި ޔޫޒާއަކު ކުރާ ޕޯސްޓަކަށް އެހެން ފަރާތަކުން މައްސަލައެއް ޖައްސައިފިނަމަ ޕޯސްޓު ކުރި ފަރާތަށް އެ މައްސަލަ ފޮނުވޭނެ ކަމަށް ވެއެވެ.

އެ ނެޓްވޯކްގެ ކޮންޓެންޓް ޕޮލިސީގެ ގްލޯބަލް ހެޑް މޮނިކާ ބިކެޓް ވިދާޅުވީ، ގައިޑްލައިނަށް އަލަށް ގެނައި ބަދަލަކީ ފޭސްބުކްގައި ޕޯސްޓުތައް ނެގުމަށް ކުރާ ރިކުއެސްޓުތައް ބާތިލްވާ ސަބަބާ މެދު އުފެދޭ އޮޅުންތަކަށް ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ. ނަމަވެސް ފޭސްބުކްގެ ޕޮލިސީތަކަށް ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައު ބަދަލުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ހަނގާ ކުރުން ޕްރޮމޯޓު ކުރާ ޕޯސްޓްތައް ފޭސްބުކްގައި ބޭނުން ކުރުން މަނާ ކޮށްފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް އަނިޔާ ކޮށް އެފަދަ ތަކެތި ޕޯސްޓު ކުރުން ވެސް ވަނީ މިހާރު މަނާ ކުރެވިފަ އެވެ. ނަފުރަތުގެ ބަސްތަކާއި ގާނޫނީ ކުށް ކުރުމަށްފަހު ކުރާ ޕޯސްޓުތައް ވެސް ވަނީ މަނާ ކުރެވިފަ އެވެ. އެހެން ކަމުން އެތަކެތި ވަގުތުން ނެގޭނެ އެވެ.

އައު ގައިޑްލައިން އާއެކު އާންމުންނާ ނުގުޅޭ އަޑާއި މަންޒަރު ހުންނަ ވީޑިއޯތަކުގައި އެ ބެލުމުގެ ކުރިން "އިންޒާރެއް" ހިމެނޭނެެކަމަށް ފޭސްބުކުން ވަނީ ބުނެފަ އެވެ.