ރަޝިޔާގެ ވެރިރަށް މޮސްކޯގައި މާދަމާ ފަށާ 'މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން' (މިޓް) ގައި ރާއްޖެ ބައިވެރިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނެފި އެވެ.

މި މަހުގެ 18 އިން 21 ގެ ނިޔަލަށް ކުރިޔަށްދާ މިފެއާ އަކީ ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާއެވެ. މި ފެއާގައި ދުނިޔޭގެ 203 ގައުމަކުން 2056 ފަރާތުން ބައިވެރިވެއެވެ.

މި ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މޮސްކޯގައި މިވަގުތު ހުރި އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރަޝިއާގައި 2014 ވަނަ އަހަރު ބޭއްވި މިޓް ފެއާއަށް 37436 ފަރާތުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރަޝިޔާ އަކީ ހަތަރު ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން 2014 ވަނަ އަހަރު ރަޝިޔާއިން 66،308 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. މިއީ 2013 ވަނަ އަހަރާއި އަޅައިބަލާއިރު 13.3 އިއްސައްތަ ދަށް އަދަދެކެވެ.

ރަޝިޔާއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކާއި އެ ގައުމުގެ ފައިސާގެ އަގު ދަށްވަމުންދާތީ އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.