17 Mar 2015, 01:41
ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަަމށް ބުނެ އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިގުރާރުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ގޮތުގެ ގަރާރުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތައް ހަނިކޮށް ބާރުތައް ވަކި ކުރެވިފައިވާ ވެރިކަމުގެ ނިޒާމު ރޫޅާލާ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް އެންމެހާ ބާރުތައް ޖަމާކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑެމުންދާ ކަމަށެވެ.
އަދާލަތުގެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ އެކި ގުނަވަންތަކުގެ މައްޗަށް ސަރުކާރުން އަންނަނީ ނުފޫޒު ފޯރުވަމުންނެވެ. އަދި ރާއްޖޭގެ ޝަރީއަތުގެ ނިންމުންތަކުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެހެންކަމުން އަދުލުވެރިކަމާ ހަމަހަމަކަން ގެއްލެމުން ދާތީ ގައުމުގައި ކޮރަޕްޝަނާ ފަސާދަ އުފެދެމުން އަންނަ ކަމަށް އަދާލަތުން ވަނީ ބުނެފައި އެވެ.
ދިވެހި މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ހެދިފައި ހުރި ގާނޫތައް އިތުރަށް ހަރުދަނާ ކުރުމުގެ ބަދަލުގައި މަސްތުވާތަކެތީ މަގު އަންނަނީ އިތުރަށް ހުޅުވިގެން ކަމަށް އަދާލަތުގެ ގަރާރުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އަދާލަތުން ބުނީ ބޮޑެތި ކުށްތަކާ އަނިޔާވެރި ޖަރީމާތައް ހިންގާ ކުށްވެރިންނަށް މަގުފަހިވާ ގޮތަށް ގައުމުގެ މުހިއްމު ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް އެކި އެކި ނުފޫޒުތައް ވަންނަމުން އަންނަކަން ފާހަގަކޮށް އަދާލަތުން ބުނީ ދިވެހި ދައުލަތުގެ މަތިވެރި ޒިންމާ އަދާކުރުމަށް އާލަމްތަކުގެވެރި ﷲ ގަންދީ ހުވާކޮށްގެން ތިބި "ރައްޔިތުންގެ ހާދިމުން"ގެ އަނިޔާވެރިކަން އަންނަނީ ރައްޔިތުންގެ މައްޗަށް އާންމުވަމުން ކަމަށެވެ.
"މީސްމީހުންގެ މުދާ ނުހައްގުން ފިރުކައިގެން ރައްޔިތުންގެ ހިމާޔަތަށްޓަކައި އެކަނި ވުޖޫދުގައި އޮންނަ ގައުމުގެ ސަލާމަތީ ބާރުތަކާ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ގާއިމް ކުރުމަށްޓަކައި އުފައްދާފައި ހުރި މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީއާ ރާއްޖެއިން ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިއާދަކުރަމުން އަންނަކަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ކަށަވަރު ވެއްޖެ ހިނދު މި އެންމެހާ އަނިޔާވެރި ކަންކަމާ ދެކޮޅަށް އިސްލާމީ ޝަރީއަތާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާ އަދި އަދާލަތު ޕާޓީގެ ދުސްތޫރާއި އުސޫލުތަކުން ބާރުލިބިގެން ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރު ވަމެވެ،" އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ގޮތުގެ ގަރާރުގައި ބުނެފައިވެ އެވެ.