ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ދިފާއު ކުރައްވައި އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަށް ރައްދު ދެއްވައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވާހަކަ ދައްކަވައިފި އެވެ.

ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުރު ދުވަހު ކޯޓުން ހުކުމް ކުރީ، އެ މަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2012 ވަނަ އަހަރު ހައްޔަރު ކުރި މައްސަލަ ނަޝީދުގެ މައްޗަށް ސާބިތުވެގެންނެވެ. ރޮއިޓާސް އިން މިއަދު ބުނީ ނަޝީދުގެ މައްޗަށް އެ ކުށް ސާބިތުވުމުން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު މިއަދު ސްރީލަންކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދުގެ ޝަރީއަތް ހިނގީ ރާއްޖޭގެ ގާނޫނުތަކާއި ކްރިމިނަލް އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ އެ ޝަރީއަތް ހިނގީ ނަޝީދަށް ވެސް އެ މަނިކުފާނުގެ ހައްގުތައް ދީގެން ކަމަށެވެ.

ދުންޔާ ވިދާޅުވީ ކޮންމެ ބޭފުޅަކީ ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބޭފުޅެއް ކަމަށާއި އެކަމުގައި ކުރީގެ ރައީސެއް އެހެން މީހެއް ތަފާތެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޝަރީއަތަކީ މިނިވަން އިންސާފުވެރި ޝަރީއަތެއް ކަމަށެވެ.

ރޮއިޓާސް އިން ބުނީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި އެ ނޫނަސް ހައްގަށް މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތަކެއް ނަޝީދު ޝަރީއަތް ހިންގި ގޮތާ ބެހޭ ގޮތުން އޮތް ކަމަށެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަން ކަމާއި ނަޝީދުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެެހުމުގައި އެ މަނިކުފާނުގެ ވަކީލުންނަށް ހަމަހަމަ ފުރުސަތު ނުލިބުނު ކަމަށެވެ.

ރޮއިޓާސް އިން ބުނީ ނަޝީދު މިދިޔަ މަހު ހައްޔަރު ކުރި ހިސާބުން ފެށިގެން މާލޭގެ މަގުތައް ހަލަބޮލިވެ، ކެކުޅުންތައް އުފުލިފައިވާ ކަމަށެވެ.