ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި ދުވަހު ހިންގި އޮޕަރޭޝަނެއްގެ އެލާޓް ލެވެލް މަތިކުރުމަށް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު މަޝްވަރާ ކުރެއްވި ކަމަށް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިރޭ ހެކިބަސް ދެއްވައިފި އެވެ.

އައިޖީއެމްއެޗްގެ ސިއީއޯގެ މަގާމު އަދާ ކުރައްވާ ފަރުހަތު އެހެން ވިދާޅުވީ މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގައި އޭނާއާ ދެކޮޅަށް ހެކިބަސް ދެއްވަމުންނެވެ. މިއަދުގެ ޝަރީއަތުގައި ހަ މީހެއްގެ ހެކި ބަސް ނަގާފައިވެ އެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލާގައި ހެކިބަސް ދެއްވަމުން ފަރުހަތު ވިދާޅުވީ ސިފައިންގެ ލަފާ ދޭ މަޖިލީހުގައި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަރުހަތު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ދުވަހު ހިންގި އޮޕަރޭޝަނެއްގެ އެލާޓް ލެވެލް މަތިކުރުމަށް ޖަލީލު އެދިވަޑައިގެންނެވި ކަމަށާއި އެ ގޮތަށް އެދިވަޑައިގެންނެވީ އެ އޮޕަރޭޝަންގެ ކޮމާންޑަރު، މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު އިބްރާޙިމް މުހައްމަދު ދީދީ އެދިވަޑައިގަތުމަކަށް ކަމަށެވެ.

މޫސާ އަލީ ޖަލީލު ދިފާއީ ވަކީލު އާދަމް އާސިފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަރުހަތު ވިދާޅުވީ
"ބޭފުޅަކު ހައްޔަރު ކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ނުކުރެވޭ" ކަމަށެވެ.

މިރޭގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ބްރިގޭޑީއާ ޖެނަރަލް ރިޓަޔާޑް އަހުމަދު ނިލާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ސްްޕްރީމް ކޯޓުގައި ބޭއްވި ބައްދަލުވުމަކަށް ވަޑައިގަތުމަށް މޫސާ އަލީ ޖަލީލު އެންގެވި ކަމަށާއި އެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު އެމަނިކުފާނު ވެސް އިންނެވި ކަމަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަ ކަމަށް ނިލާމް ވިދާޅުވި އެވެ.

މިރޭގެ ޝަރީއަތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވެސް ހެކިބަސް ދެއްވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުން ހެކީންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ނަޝީދު ނިންމެވިކަން ސާބިތު ކުރުމަށް ކަމަށެވެ.

ފުލުހުންގެ ދެ އޮފިސަރުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ފަހުން، ފުލުހުންގެ އޮފިސަރުންތަކާ ރައީސް ނަޝީދު ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި މޫސާ އަލީ ޖަލީލު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓާ 100 މީޓަރަށް ވެސް އަބްދުﷲ ގާޒީއަށް ކައިރި ނުވެވޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށް އެ ދެ އޮދފިސަރުން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ އަނބިކަނބަލުން އައިމިނަތު ޝަރީފާއި އަބްދުﷲ ގާޒީގެ ފަހަރި ސޯބިރާ ވެސް ވަނީ މިރޭގެ ޝަރީއަތުގައި ހެކި ބަސް ދެއްވާފަ އެވެ.

ޖަލީލުގެ ދިފާއީ ވަކީލު ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވީ ފިރިކަލުން ހައްޔަރު ކުރި ރޭ އެގެއަށް ދިޔަ ސިފައިންގެ މީހުން ތިބީ މާކްސް އަޅައި މޫނު ނިވާކޮށްގެން ކަމަށާއި ނަމަވެސް ތިން ސިފައިންގެ މީހަކު މޫނު ނުފޮރުވާ ކަމަށެވެ. އެ މީހުންގެ ތެރޭ ޖަލީލު ނުހިމެނޭ ކަމަށް އަބްދުﷲ ގާޒީގެ އަނބިކަނބަލުން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ ފަހަރި ސޯބިރާ ބުނެފައި އަބްދުﷲ ގާޒީ ހައްޔަރު ކުރަން އެގެއަށް އައި މީހުންގެ ތެރޭގައި މޫސާ އަލީ ޖަލީލު ހުންނެވިކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ސިފައިންނަށް ކޮމާންޑު ކުރަން ހުރި މީހާ ހުރީ މޫނު ނިވާ ނުކޮށް ކަމަށާއި އެއީ މޫސާ އަލީ ޖަލީލު ނޫން ކަމަށް ސޯބިރާ ވިދާޅުވި އެވެ.