16 Mar 2015, 21:50
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިނާއި ގާޒީ އަބްދުލް ބާރީ ޔޫސުފް ކެފޭއެއްގައި ބައްދަލު ކުރި ކަމަށް ބުނެ، ވީޑީއޯކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ފިޔަވައި އެހެން ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވަދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ހަތަރު ނޫސްވެރިއަކު ވެއްދުން މިއަދު ވަނީ މަނާކޮށްފަ އެވެ. އެއީ އެމްބީސީގެ މުހައްމަދު އަފްޒަލާއި ސީއެންއެމްގެ މިސްބާހު އައްބާސް އަދި އަވަސްގެ މުއިއްޒު އިބްރާހިމްގެ އިތުރުން ހަވީރު ނޫހުގެ މުރުޝިދު އަބްދުލް ހަކީމަށެވެ.
އެ ނޫސްވެރިންނަށް ވެސް އަލުން ޝަރީއަތްތަކަށް ވަދެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ. އެ ހަތަރު ނޫސްވެރިން އަލުން ޝަރީއަތްތަކަށް ވެއްދުމަށް ނިންމީ ބްރޯޑްކާސްޓިން ކޮމިޝަން ރައީސް މުހައްމަދު ޝަހީބާ އެކު މިއަދު އެ ކޯޓުން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަތަރު ނޫސްވެރިން ޝަރީއަތްތަކަށް ވެއްދުމަށް ނިންމީ އެ ނޫސްވެރިންގެ މައްސަލަތައް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާ ގޮތަށް ކަމަށެވެ. ބްރޯޑްކޮމް އިން ބަލަނީ އެ ނޫސްވެރިންގެ ކޮން މައްސަލައެއް ކަމަށް މަނިކު ވިދާޅެއް ނުވެ އެވެ.
"ރާއްޖެ ޓީވީގެ އެ ކެމެރާ ކުރި ދެ ނޫސްވެރިން ފިޔަވައި އެހެން ނޫސްވެރިންނަށް މި ކޯޓުގެ ޝަރީއަތްތަކަށް ދެން ވަދެވޭނެ،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބްރޯކްކޮމްއިން މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ފިޔަވަޅު އެޅި ހަތަރު ނޫސްވެރިނަށާއި އަދި ރާއްޖެ ޓީވީއަށް އަޅާފައިވާ ފިޔަވަޅު އަނބުރާ ނަގަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅޭ ގޮތުން މަނިކު ވިދާޅުވީ ޕީޖީ މުހުތާޒާއި ގާޒީ ބާރީ ބައްދަލު ކުރި ކަމަށް ބުނެ "ކެފޭ ލަޔާލީ" ތެރެއަށް ވަދެ ވީޑީއޯ ކުރި ދެ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނަށް ޝަރީއަތްތަކަށް ނުވަދެވޭނެ ކަމަށެވެ. ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއަކަށް ޝަރީއަތްތަކަށް ވަދެވޭނެތޯ ސުވާލު ކުރުމުން މަނިކު ވިދާޅުވީ "އެ ދެ ނޫސްވެރިން ފިޔަވައި އެންމެންނަށް ވަދެވޭނެ" ކަމަށެވެ.