16 Mar 2015, 21:39
ސިފައިންގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއް މަގާމުތައް އުވާލަން ނިންމައިފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ބައެއް މަގާމުތައް އުވާލަން ނިންމީ، މި އަހަރު މާލީ ފުދުންތެރިކަން ދަށްވުމުން ކަމަށެވެ. އަދި އުވާލަން ނިންމި މަގާމުތަކުގެ ތެރޭގައި އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓްގައި އެ ކޮމާންޑަށްް ނިސްބަތްވާ ބައެއް މަގާމުތަކާއި އެ ކޮމާންޑުގެ މައި މަރުކަޒުގެ ބައެއް މަގާމުތައް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެ ކޮމާންޑުން ބުނީ އެ މާގުމުތައް އުވާލާނީ، ސިވިލް ސާވިސް ގާނޫނުގެ 225 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
އުވާލާ މަގާމުތަކުގެ ތެރޭގައި ސެކިއުރިޓީ ސުޕްރިންޓެންޑެންޓްގެ މަގާމާއި އެއާޕޯޓްގެ ސެކިއުރިޓީ ޔުނިޓްގެ ހެޑަކަށް ހަމަޖައްސާފައިވާ އޭވިއޭޝަން ސެކިއުރިޓީ ސުޕްރިންޓެންޑެންޓްގެ މަގާމާއި އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލާއި ވީއައިޕީ، ސީއައިޕީ ސެކިއުރިޓީ ޔުނިޓްގެ ހެޑްގެ ޒިންމާ ނަގާ އޭވިއޭޝަން ސެކިއުރިޓީ ސުޕްރިންޓެންޑެންޓްގެ މަގާމު ފަދަ މަގާމުތައް ހިމެނެ އެވެ.