16 Mar 2015, 21:00
އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއަށް ވަދެ، ކަޅުތެޔޮ ޖަހައި، އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުންދީ، މީޑިއާގެ ފަރާތްތަކަށާޢި ސަލާމަތީ ބާރުތަކަށް ގެއްލުންދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުން އެހެން ބުނެފައި ވަނީ ހަތަރު މީހުންގެ ގްރޫޕަކުން ރޭ އެމްޑީޕީގެ ޕިކަޕަށް ބޮޑެތި ގެއްލުންތަކެއްދީފައި ވަނިކޮށެވެ. މުޒާހަރާއަށް ނުކުތުމަށް ތައްޔާރުކޮށްފައިވާ އެމްޑީޕީ ޕިކަޕުގެ ކުރީ ބިއްލޫރިގަނޑު ތަޅާލައި، އޭގައި ހަރުކޮށްފައި ހުރި ސައުންޑު ސިސްޓަމަށް ގެއްލުންދީ ސްޕީކަރުތަކުގެ ވައިރުތައް ރޭ ބުރިކުރިއިރު އެ ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުންވެސް ތިއްބެވެ. މަންޒަރު ދުއް މީހުން ބުނީ އެ މީހުންގެ އަތުގައި ތޫނު ހަތިޔާރު ވެސް ހުރި ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާގެ ބައިވެރިންގެ ވެހިކަލަށާއި މީޑިއާގެ ފަރާތްތަކުގެ ތަކެއްޗަށް ގެއްލުންދީފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ޞުލްޙަވެރި އެއްވުންތަކުގެ ތެރެއަށް ބޭރުން އައިސް ވަނުމަށްފަހު ބައެއްފަހަރު އަނިޔާވެރި ޢަމަލުތައް ހިންގައި އެއްވުމުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތަކެއް ކުރިމަތިވުމާއެކު ފުލުހުން މިދަނީ އެފަދަ މައްސަލަތައް ބަލަމުންނެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ މައްސަލަތަކުގައި ކުށްވެރިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެފަދަ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެނގޭނަމަ އެފަދަ މަޢުލޫމާތު ފުލުހުންނާ ޙިއްސާ ކުރައްވައި ފުލުހުން ކުރަމުންދާ ތަޙުޤީޤުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.
"ޞުލްޙަވެރިކަމާއެކު އެއްވާ ފަރާތްތަކުންވެސް ޢާއްމު ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކަށް އިސްކަންދީގެ އެއްވުންތައް ކުރިޔަށް ގެންދިއުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭކަމެއްކަމުގައި ދަންނަވަމެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ހަމައެހެންމެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގައި އަޑުގަދަކޮށް، ރައްޔިތުންނަށް އުނދަގޫވާގޮތަށް ޢަމަލުތައް ނުބެހެއްޓުމަށާއި އެފަދަ އެއްވުމެއްގައި ބައިވެރިވާ ފަރާތްތަކުންވެސް މީހެއްގެ މުދަލަށް ނުވަތަ ތަކެއްޗަށް ގެއްލުން ނުލިބޭނެގޮތަށް އެއްވުންތައް ކުރިޔަށް ގެންދިއުމަށްވެސް އިލްތިމާސް ކުރަމެވެ،"