16 Mar 2015, 19:57
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވާތީ، ހޮސްޕިޓަލަށް ގެންދިއުމަށްފަހު އަނބުރާ ގެއަށް ގެނެސްފި އެވެ.
ރޭ އިރާކޮޅު އަނބިކަނބަލުންގެ ގެ، ގ. އެނިފް އަށް ނާޒިމް ގެނައުމަށްފަހު 22 ގަޑިއިރަށްފަހު، ފުލުހުންގެ ބެލުމުގެ ދަށުން މެޑިކާ ހޮސްޕިޓަލަށް ނާޒިމް ގެންދިޔަ އެވެ.
ނާޒިމްގެ އާއިލާ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމް މިއަދު އިރުއޮއްސި 6:25 ހާއިރު ފުލުހުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮންތަނަކަށް ކަން ނޭންގޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ ނާޒިމް ހޮސްޕިޓަލަށް ގެންދިއުމަށްފަހު އަނބުރާ ގެނެއަށް ގެނެސްފައިވާ ކަމަށެވެ. ގެއަށް ގެނައީ މާލެއިން ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވާތީ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ނާޒިމް ގެއަށް ގެނެސްފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ 33 ދުވަސް ފަހުންނެވެ. ދިރިއުޅޭ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމު ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ރޭވުންތަކެއް ރާވާ ކަމަށް ބުނެ، ނާޒިމް ހައްޔަރު ކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.