އެމްޑީޕީ ޓިކެޓުގައި ރަށު ކައުންސިލަށް ހޮވިވަޑައިގެންފައިވާ ހަތަރު ކައުންސިލަރަކު އެމްޑީއޭ އާ ގުޅިވަޑައިގެންފި އެވެ.

އެބޭފުޅުންނަކީ ދ. މީދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގެންނެވި އިބްރާހީމް އަފްރާހު އާއި ދ. ރިނބުދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގެންނެވި ޚާތިމް އިބްރާހީމް އާއި މުހައްމަދު ފައިސަލް އަދި ޔޫސުފު ނާފިޒް އެވެ. މީގެ ތެރެއިން ޚާތިބް އިބްރާހީމް އަކީ މި ވަގުތު ރިނބުދޫ ކައުންސިލްގެ ރައީސް އެވެ.

އެ ހަތަރު ބޭފުޅުން އެމްޑީއޭ އާ ގުޅިވަޑައިގެން، ފޯމު ރަސްމީކޮށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ހަވާލުކުރެއްވީ އިއްޔެރޭ ދ. މީދޫގައި ބޭއްވި އެމްޑީއޭގެ ބޮޑު ޖަލްސާގަ އެވެ.



ރިނބުދޫ ކައުންސިލުގެ ތިން މެންބަރުން އެމްޑީއޭ ގުޅިވަޑައިގަތުމުން އެ ކައުންސިލްގެ މެޖޯރިޓީ ވެސް މިހާރު ވަނީ އެމްޑީއޭ އަށް ލިބިފަ އެވެ. ދ. އަތޮޅުގައި އެމްޑީއޭގެ މެޖޯރިޓީ ނެތި މިހާ ތަނަށް އޮތް ހަމައެކަނި ކައުންސިލަކީ ރިނބުދޫ ކައުންސިލް އެވެ.

މި ހަތަރު ކައުންސެލަރުން އެމްޑީއޭ އާ ގުޅިވަޑައިގަތުމާ ގުޅިގެން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ އެ ބޭފުޅުންނަށް އިޚުލާސްތެރިކަމާ އެކު މަރުހަބާ ދަންނަވައިފަ އެވެ. އަދި ވިދާޅުވީ އެ ބޭފުޅުން އެމްޑީއޭ އަށް އެ ވަދެވަޑައިގެންނެވީ ގައުމަށް ޚިދުމަތް ކުރައްވާން ބޭނުންފުޅު ވާތީ ކަމަށާއި އެ ފުރުސަތު އެމްޑީއޭ ޕީޕީއެމް ކޯލިޝަން ތެރެއިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.



"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުން އެމްޑީއޭ އާ އެ ގުޅިވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ މާތް މަގުސަދުގަ. މިއަދު އެބޭފުޅުން ވެސް އެބަ ގަބޫލުކުރައްވާ އެ ޚިދުމަތް ކުރެއްވޭނީ އަޅުގަނޑުމެންނާ ގުޅިގެންކަން. އިރާދަކުރެއްވިއްޔާ އެ ބޭފުޅުން ހޮއްވަވައިދެއްވެވި ރައްޔިތުންގެ ލޯތްބާއި އިތުބާރު މީގެ ސަބަބުން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވަމުން ދާނެ،" އެމްޑީއޭ ގެ ލީޑަރު ސިޔާމް ވިދާޅުވި އެވެ.