16 Mar 2015, 19:46
ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެން އެމިގްރޭޝަން އިން މިއަދު ތައާރަފްކޮށްފައިވާ ސެކަންޑަރީ ވެރިފިކޭޝަން ރޫމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުންކުރާ ފެންވަރުގެ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ރޫމެއް ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
އެރައިވަލް ޓާމިނަލްގައި ގާއިމްކޮށްފައިވާ އެ ރޫމުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން އިމިގުރޭޝަންގެ ޗީފް ޕްރިންސިޕަލް އިބްރާހިމް އަޝްރަފް ވިދާޅުވީ 1982 ވަނަ އަހަރު ބައިނަލް އަގުވާމީ އެއާޕޯޓެއްގެ ހިދުމަތް ފެށިފައިވާއިރު އެފަދަ ރޫމެއް ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ. މިއަދު އެފަދަ ރޫމެއް ތައާރަފްކުރެވުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެރޫމަކީ ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ޓެކްނޮލޮޖީ އެކުލަވާލާފައިވާ ރޫމެއް ކަމަށް ވިދާޅުވި އެވެ.
"އައއޯއެމްގެ އެހީގައި އަޅުގަނޑުމެންނަށް ލިބިފައިވާ ފޭޝަލް ރިކޮނޮމިޝަން ސިސްޓަމެއް އަޅުގަނޑުމެން މިހާރު ވާނީ ބެހެއްޓިފަ، މިއީ އަލުގަނޑުމެން ކުރާ އުންމީދެއް ކައުންޓަރު ތަކުގައިވެސް ކުރިއަށްއޮތްތަނުގައި މިފަދަ ވަސީލަތްތައް ބެހެއްޓިގެންދާނެ ކަމަށް،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހިދުމަތާއެކު ދިވެހި ރާއްޖެ މެދުވެރިކޮށް ވަގު ޕާސްޕޯޓް މެދުވެރިކޮށްގެން ހިންގާ ކަންކަން ހައްލުކުރަން އިތުރު ފުރުހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ.
އެ ޓެކްނޮލޮޖީތަކުގެ ތެރޭގައި ޕާސްޕޯޓުތަކުގެ މެޝިން ރީޑަބަލް ޒޯންގެ ޗެކް ޑިޖިޓް ކަލްކިއުލޭޓް ކުރުމާއި ޕާސްޕޯޓުގެ ކަރުދާހުގެ ފެންވަރު ދެނެގަތުމުގެ އިތުރުން އަލްޓްރާވައިލެޓް ފީޗާސް ދެނެގަތުމާއި ޕާސްޕޯޓް ޗިޕްގެ މައުލޫމާތު ދެނެގަތުން ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާއިރު ރާއްޖެ އަންނަ ފަރާތްތަކަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެފަދަ ރޫމްތައް ވެސް ހުރެގެން ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި އިމިގުރޭޝަންގެ މުއައްޒަފުންނަށް ޓުރެއިނިންތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާއިރު ކުރިއަށްއޮތް ތަނުގައި އެއާޕޯޓް ބޮޑުވެގެންދާއިރު އިމިގުރޭޝަންއަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުން ފެށިގެން އެ ރޫމު މެދުވެރިކޮށް ސައްހަ ނޫން ޕާސްޕޯޓުގައި އަންނަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނީ ސިސްޓަމެޓިކްކޮށް މެޝިން ބޭނުންކޮށްގެން ކަމަށާއި އޭރުން މަސައްކަތް އަވަސްވެގެންދާނެ ކަމަށް އިމިގުރޭޝަންއިން ބުނެއެވެ.