ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން އެޑިއުކޭޝަން މިނިސްޓްރީން ބާއްވަމުން އަންނަ ގައުމީ އާޓް މައުރަޒު މިއަހަރު ފާހަގަކުރާ މިނިވަން 50 އާ ގުޅިވައިގެން ހުޅުވައިފި އެވެ.

އެއް ތަނަކުން ވަކިވަކި ދަރިވަރުންގެ ހުނަރުވެރިކަމާ ފަންނުވެރިކަން ދައްކާލުމާއި ދަރިވަރުންގެ އުދެއްދުން ތެރިކަމަކީ މުޖްތަމައު ބަލައިގަންނަ ފަދަ މަގްބޫލު ކަމެއްކަމަށް ހެދޭތޯ ބަލައި އެކަމަށް މުޖްތަމައު ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ބާއްވަމުން އަންނަ އެ މައުރަޒުގައި މިއަހަރު ގައުމީ ޔުނިވާސިޓީ އާއެކު ރާއްޖޭގެ 30 ސްކޫލަކުން ބައިވެރިވެ އެވެ. އަދި މިއީ އެ މައުރަޒު ބާއްވާ ދެވަނަ ފަހަރެވެ.

އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މައުރަޒު ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، ހިތުގަ ވާ އުދާސްތައް ފިލުވާލުމަށްޓަކައި ނުވަތަ ހިތުގަވާ އެއްޗެއް ބުނެލުމަށްޓަކައި އެންމެ އެކަށީގެންވާ އެއްޗަކީ އާޓު ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި ހުރި ކަންތައްތަކަށް ބަލައި އާޓު މައުރަޒުތައް ބޭއްވުމަކީ އިޖްތިމާއީ ގޮތުން ލިބޭނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަކީ މާލެއަކީ ހާއްސަކޮށް މީހުން އުޅޭނެ ވެއްޓެއް ގާއިމްކުރުމަށްޓަކާ ކުރެވެން ހުރި ކަންތައްތަކެއް ކުރުން. އެގޮތުން މިފަދަ އެގްޒިބިޝަންތައް ބާއްވައިގެން ވީހާ ވެސް ގިނައިން މީހުން ނުކުމެ އެއްކޮށް އުޅުމަށް ބާރު މިއަޅަނީ. ނުވަތަ މިކަހަލަ ކަންތައްތަކަށް މަގުފަހި ކޮށްދެނީ އަޅުނގަޑުމެންގެ ތެރޭގައި ނެތިގެންގޮސް ނުވަތަ ދަށަށް ގޮސްފައިވާ އިޖްތިމާއީ ފޭރާން ރަނގަޅުކުރުން،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފަންނަކީ ކޮންމެ މީހެއްގެ ގައިގައި ވެސް ހުރި ކަމެއް ކަމަށާއި އެފަންނު ހޯދައިގެން އެކަމުން ކުރިއަށް ދިއުމަކީ އުދަނގޫ ކަމެއް ކަމަށެވެ. ނަމަވެސް، ބާއްވާ އެގްޒިބިޝަންތަކުގެ ސަބަބުން އެފަދަ ހުނަރުވެރިންގެ ފަންނުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.

"ގަބޫލުކުރާ ހިތްވަނީ ކޮންމެ މީހެއްގެ ވެސް ހުރި ފަންނަކުން ނުވަތަ ހުރި ހުނަރަކުން ގައުމަށް އޭގެން ފައިދާތަކެއް ކޮށްދޭނެ އަދި އެކުއްޖަކަށް ނުވަތަ ބޭފުޅަކަށް ވެވެން ހުރި ވަރަކުން ބައިވެރިވެވޭނެ މުޖުތަމައުއަކަށް ވުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި މައުރަޒުގައި ބައިވެރިވި ސްކޫލްތަކަށް ހަނދާނީ ފިލައެއް އަރުވާފައިވާއިރު، ހުރިހާ ސްކޫލެއްގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޝައިނީ އަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމަށް ވަނީ ހަނދާނީ ކުރެހުމެއް ހަދިޔާކޮށްފަ އެވެ.

މިއަދާ މާދަމާ ކުރިއަށްދާ އެ މައުރަޒުގައި ވެސް ދަރިވަރުންގެ ކުރެހުންތަކާއި ކްރާފްޓުގެ ގިނަ އުފެއްދުންތައް ފެނިގެންދާއިރު، އެތަކެތި ބައްލަވައިގަނެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފަ އެވެ.