16 Mar 2015, 18:24
އެސޯސިއޭޝަން އޮފް ނެޝަނަލް އޮލިމްޕިކް ކޮމިޓީސް (އޭއެންއޯސީ)ގެ ފައިނޭންޝަލް އެންޑް އޯޑިޓިންގް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު ޝަވީދު ހަމަޖައްސައިފި އެވެ.
ފީފާއިން އެފްއޭއެމަށް ކަނޑައެޅި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ވެސް އަދާކުރަމުން އަންނަ ޝަވީދު އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ބ. އަމިއްލަފުށީގައި ބޭއްވި އޮލިމްޕިކް ސޮލިޑެރިޓީ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ސޮލިޑެރިޓީ ކޮމިޝަންގެ ޗެއާމަން ޝެއިޚް އަހުމަދު އަލް ފަހުދު އައް ސަބާހު އާއި އޯސީއޭގެ ޑިރެކްޓަރ ޖެނެރަލް ހުސެއިން އަލް މުއްސަލާމްގެ އިތުރުން، އައިއޯސީގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރި ވެފައެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ބުނީ އެފަދަ މަގާމަކަށް ދިވެއްސަކު އައްޔަނު ވުމުން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީ ހޯދުމަށް އިތުރު ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.
އޭއެންއޯސީ އަކީ ދުނިޔޭގެ ގައުމުތަކުގެ ނެޝަނަލް އޮލިމްޕިކް ކޮމިޓީތައް އައިއޯސީގައި ތަމްސީލުކުރާ ބެލެނިވެރި ފަރާތެވެ. އަދި ގައުމީ އޮލިމްޕިކް ކޮމިޓީތަކުގެ މިޝަން ކަމަށްވާ "އޮލިމްޕިކް ވެލިއުސް" ކުރިއެރުވުމަށް ހިންގާ ހުރިހާ ހަރަކާތްތަކެއްގެ ބެލެނިވެރި ފަރާތަކީވެސް އޭއެންއޯސީ އެވެ.