ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ޢަހްމަދު މަޙުލޫފު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގަދަކަމުން ބަޔަކު ވަނަން ދިމާކޮށް އެމަނިކުފާނަށް ނުރައްކާ ކުރިމަތި ކުރުވާފައިވާ ކަމަށް ބުނެ، އެމްޑީޕީ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އަމަލު ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޙުލޫފަށް މި ނުރައްކާ ކުރިމަތި ކުރުވާފައި ވަނީ ޕީޕީއެމް އިން އެމަނިކުފާނު ވަކިކޮށްފައިވާ ދަނޑިވަޅާ ދިމާކޮށްކަން ފާހަގަކުރާ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ ވެސް ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުތައް ދެމުންދަނިކޮށް ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"އަދި މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރަކު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލައި، އަނެއް މެމްބަރަކަށް ފުރާނަ ގެއްލޭވަރުގެ ނުރައްކާތެރި ޙަމަލާއެއްދީ ޒަޚަމްކޮށްލައި، އަދި އަނެއްބައި މެމްބަރުންގެ ހަށިކޮޅަށް އެނޫން ޒާތުގެ ޙަމަލާތައް ދީފައިވެއެވެ. ނަމަވެސް މިފަދަ ޙަމަލާތަކާއި އިންޒާރުތަކުގެ މައްސަލަތައް ސަލާމަތީ ޚިދުމަތްތަކުން ބަލައި ފިޔަވަޅުއަޅަމުން ނުދާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުތަކާއި އަދި ޙަމަލާތައް ދެމުންދާ އިރު، އެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމުގައި ސަރުކާރެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އިހްމާލުވެފައިވާ ކަމަށެވެ.

އެމްޑީޕީ އިން ވަނީ ރޭ އެ ޕާޓީ އިން މުޒާހަރާ ކުރުމަށް ތައްޔާރުވެފައި ވަނިކޮށް ބަޔަކު މީހުން އައިސް އެ ޕާޓީ އިން މުޒާހަރާގައި ބޭނުން ކުރި ޕިކަޕަށް ގެއްލުން ދީފައިވާތީ އެކަން ވެސް ކުށްވެރިކޮށްފަ އެވެ. އެ ޕާޓީ އިން ބުނީ ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށެވެ. އެމްޑީޕީ އިން ބުނީ އެ ޕާޓީ އިން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް އެގޮތަށް ގްރޫޕުތަކުން ތަކުރާރުކޮށް ވަދެ މީހުންނަށް ޙަމަލާދީ ތަކެއްޗަށް ގެއްލުންދެމުންދާ އިރު، ފުލުހުން އެފަދަ ފަރާތްތައް ޙައްޔަރުކޮށް ފިޔަވަޅުއަޅަމުން ނުދާ ކަމަށެވެ.