އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ހ. ޑައިމަންޑްވިލާ، އަހްމަދު އަކްރަމް އަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ނިންމައިފި އެވެ.

އަކްރަމްގެ ނަން ދިރާސާ ކުރުމަށް ފަހު ކޮމިޓީ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭނާ އަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އަކުރަމަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއްތޯ ކަށަވަރު ކުރުމަށް ޓަކައި ފަސް މުއައްސަސާއަކުން ލިޔުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ލިޔުން ހޯދާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އަކުރަމްއާ އިންޓަވިއުކުރުމަށް ފަހު ކޮމިޓީގައި ތިއްބެވި މެމްބަރުން އޭނާ އަށް 91 އިންސައްތަ މާކުސް ދީފައިވާ ކަމަށެވެ.

އަކުރަމް އަށް ރުހުން ދިނުމަށް ކޮމިޓީ އިން ނިންމާފައިވާ އިރު އޭނާ އަކީ މީގެކުރިން އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ.

އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.