18 Feb 2011, 15:45
ޖިއްދާ : ރައްޔިތުންގެ އުތުރި އެރުމަކާ ގުޅިގެން މިދިޔަ ޖަނަވަރީމަހުގެ 14 ވަނަ ދުވަހު މަޤާމު ދޫކުރައްވުމަށްފަހު ފިއްލަވައިގެން ސަޢޫދީ އަރަބިޔާއަށް ވަޑައިގެންނެވި ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ އަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން ހަށިކޮޅުގެ އެއްފަޅިވާވެ އެކަނި ޙާލާނުވާ ހިސާބަށް ސިއްހީ ހާލުކޮޅު ދަށަށް ހިނގައްޖެއެވެ.
ބިންޢަލީގެ ޢާއިލާގެ ބައެއް ފަރާތްތަކާ ޙަވާލާދީ އެޖެންސީ ފްރާންސް ޕްރެސް ބުނިގޮތުގައި ޖެހުނު ސްޓްރޯކާއެކު ބިންޢަލީވަނީ ހޭފުޅުނެތި އެއްފަޅި ވާވެފައެވެ. އަދި އޭނާ މީގެ ދެދުވަސްކުރިންވަނީ ޖިއްދާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ. އުމުރުފުޅުން 74 އަހަރުގެ ބިންޢަލީގެ މިހާރު އޮންނެވީ އައި.ސީ.ޔޫ. ގައި ކަމަށާ އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ޙާލުކޮޅު ގޯސްވެފައިވާ ކަމަށް ޢާއިލާގެ ބައެއް ފަރާތްތަކާ ހަވާލާދީ ރޮއިޓާސްވެސް ޚަބަރުދީފައިވެއެވެ. ނަމަވެސް ސަޢޫދީ ރަސްމީ އެއްވެސް ފަރާތަކުން މިޚަބަރު ކަށަވަރު ކޮށެއް ނުދެއެވެ.
ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ބިންޢަލީއެކޭ އެއްގޮތަށް މިދިޔަ ހުކުރުދުވަހު މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކަށްވެސް ވަރަށް ބޮޑު ނަފްސާނީ އަދި ޖިސްމާނީ އާލާސްކަންފުޅެއް ކުރިމަތިވެ ވަޑައިގެންފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށާއި އަދި އާލާސްކަންފުޅު ރަނގަޅުވުމުން ޢުމުރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި އޭނާ ސަޢޫދީ އަރަބިޔާއަށް ވަޑައިގެން ފިކަމަށް މިސްރުގެ މަޝްހޫރު ނޫހެއް ކަމަށްވާ "އަލްއަޚްބާރު" ބުނެއެވެ.
ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން މަޖްބޫރީ ޙާލަތުގައި ވެރިކަން ދޫކޮށްލެއްވުމަށްފަހު މުބާރަކް އެކަހެރިގޮތެއްގައި އުޅުއްވަމުން ގެންދަވަނީ ޝަރްމުއްޝައިޚްގެ ހޮޓަލެއްގައެވެ. މުބާރަކް ގެ ސިއްޙީ ޙާލުކޮޅު ކުއްލިއަކަށް ދަށަށްދިޔައީ އޭނާގެ ޢަމަލުތައް ހުރިގޮތުން މިސްރުގެ ރައްޔިތުން އުތުރުއަރައި ވަރަށް ނިކަމެތި ގޮތަކަށް އޭނާގެ ވެރިކަން ނިމިގެންދިޔުމުން މިސްރުގެ ތާރީޚުގައި އޭނާގެ ވާހަކަ ވަރަށް ހުތުރު ގޮތަކަށް ލިޔެވޭނެކަމުގެ އިޙްސާސްތަކާ ގުޅިގެން ފިކުރުފުޅު ބޮޑުވެ ކުރިމަތިވި ހިތާމައާއި ނަފްސާނީ ހިތްދަތި ކަމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ. މުބާރަކް މިހާރު ހިންގަވައި އުޅުއްވަނީވެސް ދަނޑިބުރިއަކާއެކު މީހެއްގެ އެހީތެރިކަމުގައި ކަމަށް އޭނާގެ އަރިސް ފަރާތްތަކާ ޙަވާލާދީ މިސްރުގެ ބައެއް ނޫސްތައް ބުނެއެވެ.
-- އަލްއަޚްބާރު، ނޫސްއެޖެންސީތައް