16 Mar 2015, 17:09
ވޮޝިންޓަން (މާޗް 16) : ސީރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި އެ ގައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާއެކު މަޝްވަރާކުރަން އެމެރިކާ އަށް ޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވުމުގެ މާނައަކީ އެމެރިކާ އިން ބައްޝާރުގެ ސަރުކާރާ އެކު ސީދާ ގޮތެއްގައި މިހާރު ވާހަކަ ދެއްކުން ނޫންކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފި އެވެ.
އެވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ކެރީ ވިދާޅުވި ބަސްފުޅުގެ މާނައަކީ ސީރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި ބައްޝާރުގެ ސަރުކާރު ވެސް ހިމެނޭ ގޮތަށް ސުލްޙައިގެ ވާހަކަތައް ދެއްކުމެވެ. ކެރީ މިގޮތަށް ވާހަކަ ދެއްކެވީ ސީރިޔާގެ މައްސަލަ ވާހަކަ ދައްކައިގެންނޫން ގޮތަކަށް ހައްލު ނުކުރެވޭނެ ކަމަށް އެމެރިކާ ގަބޫލުކުރާތީ ކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އެމެރިކާގެ ޓީވީ ނެޓްވާކެއްކަމަށާ ސީބީއެސް އަށް ދެއްވި ބަސްދީގަތުމެއްގައި ކެރީ ވިދާޅުވީ ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ޙައްލެއް ގެނެވޭނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު އެކަހެރި ކުރުމުގެ ބަދަލުގައި އެސަރުކާރާ ވާހަކަދައްކައިގެންކަން އެމެރިކާ މިހާރު ގަބޫލުކުރާ ކަމުގަ އެވެ. އިންތިގާލީ މަރްހަލާއެއްގެ ތެރެއިން ސީރިޔާގެ ވެރިކަން ބަދަލުކުރުމަށް ޓަކައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ވާހަކަދައްކަން އެމެރިކާއަށް ޖެހޭނެ ކަމަށާ ކައިރި މުސްތަގްބަލެއްކަން އެމެރިކާއިން އެކަން ކުރާނެކަމަށް ބެލެވޭކަމަށް ވެސް ކެރީ ވިދާޅުވި އެވެ. އަދި އެމެރިކާ ދެން މަސައްކަތްކުރާނީ ބައްޝާރުގެ ސަރުކާރާ ވާހަކަ ދައްކައިގެން އިންތިގާލީ މަރްހަލާއެއްގެ ތެރެއިން ސީރިޔާގެ ވެރިކަން ބަދަލުކުރުމުގެ ފުރްސަތެއް އޮތްތޯ ބެލުމަށް ކަމަށް ވެސް އެބަސްދީގަތުމުގައި ކެރީ ވިދާޅުވެފައިވެ އެވެ.
ކެރީގެ މިވާހަކަތަކަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމާމެދު މިހާތަނަށް އެމެރިކާ ގެންގުޅުނު ސިޔާސަތުތައް ފޭލްވެފައިވާކަން އެމެރިކާ އަމިއްލައަށް ގަބޫލުކުރުން ކަމަށް މުރާސިލުން ބުނެ އެވެ. ބައްޝާރުގެ ވެރިކަމުގެ ނިޒާމާމެދު އެމެރިކާ ގެންގުޅެމުންގެންދިޔަ ސިޔާސަތުތައް ބިނާވެފައިވަނީ ސީރިޔާގެ އިދިކޮޅު ބައެއް ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ބައްޝާރުގެ ސަރުކާރު ވައްޓާލުމުގެ މައްޗަށެވެ. މިކަމަށްޓަކައި އެމެރިކާ ގެންދިޔައީ ބައްޝާރުގެ ސަރުކާރު އެކަހެރިކުރުމާއެކު އެސަރުކާރާ އެއްގޮތަކަށްވެސް ވާހަކަ ނުދެއްކުމުގެ ސިޔާސަތުތަކެއް ތަންފީޒު ކުރަމުންނެވެ.
ނަމަވެސް ހަތަރު އަހަރުވަންދެން އެމެރިކާ ގެންގުޅުނު މިސިޔާސަތުތަކުގެ ސަބަބުން ބައްޝާރުގެ ވެރިކަން ވެއްޓިގެން ގޮސްފައެއްނުވެއެވެ. އޭގެބަދަލުގައި އެމެރިކާ ތާއީދުކުރާ ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ބާރު ކުޑަވެ އެޖަމާއަތްތައްވަނީ އިތުރަށް ބަލިކަށިވެގެން ގޮސްފައެވެ. އަދި އެމެރިކާ ތާއީދުކުރާ ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ބަދަލުގައި ސީރިޔާގެ ހަނގުރާމައިގެ މަސްރަޙަށް ބާރުގަދަކޮށްފައިވަނީ އައިއެސްއާއި ޖަބްހަތުއްނުސްރާފަދަ ހައްދު ފަހަނަޅާފައިވާ ހަރުކަށި ޖަމާއަތްތަކެވެ.
ނަތީޖާއެއްގެ ގޮތުން އެމެރިކާ ތާއީދުކުރާ ޖަމާއަތްތަކުގެ މާބޮޑު ބާރެއް ސޫރިޔާގެ ހަނގުރާމައިގެ މައިދާނުން މިހާރު ފެންނާކަށްނެތެވެ. ބައްޝާރުގެ ސަރުކާރާ މުޢާމަލާތް ކުރުމުގައި އެމެރިކާ ގެންގުޅުނު ސިޔާސަތުތައް ބަދަލުކުރަން އެމެރިކާއަށް މަޖްބޫރުވެފައިމިވަނީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އައިއެސް ޖަމާއަތާއި އަލްގާއިދާ އާ ގުޅިފައިވާ ޖަބްހަތުއްނުސްރާ ވަދެގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ބައްޝާރުގެ ވެރިކަން ވެއްޓުނު ނަމަވެސް މިދެ ޖަމާއަތް ސީރިޔާގައި ހަރަކާތްތެރިވާހާ ހިނދަކު އެގައުމުގެ ލޭއޮހޮރުވުންތަކަށާއި އާންމު ރައްޔިތުންގެ ވޭންތަކާއި ކެކުޅުންތަކަށް ނިމުމެއް ނާންނާނެކަން އެމެރިކާއަށް މިހާރު ކަށަވަރުވެފައިވާކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)