16 Mar 2015, 17:04
އެއް ޖިންސުން ގުޅުން ހިންގި ކަމަށް ކަނޑައަޅައި މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ޖަލަށް ލި މައްސަލާގައި ސަރުކާރަށް ފާޑު ކިޔުމުން އަންވަރުގެ ދަރިކަނބަލުން ވެސް ހައްޔަރުކޮށްފި އެވެ.
މެލޭޝިޔާގެ އިދިކޮޅު ޕާޓީގެ ތަރުޖަމާނާ ހަވާލާދީ އަލްޖަޒީރާ އިން ދެންމެ ބުނީ، ޖަލުގައި އިންނެވި އިދިކޮޅު ލީޑަރުގެ ދަރިކަނބަލުން އަދި އިދިކޮޅު ކޯލިޝަންގެ ވައިސް ޕްރެޒިޑެންޓް އަދި ޕާލަމެންޓް މެމްބަރު ނޫރުލް އިއްޒާހު އަންވަރު މިއަދު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަލްޖަޒީރާ އިން ބުނީ ނޫރުލްގެ މައްޗަށް ދައުވާ ކުރުމަށް ނިންމިކަން އަދި ނޭނގޭ ކަމަށާއި ނަމަވެސް މެލޭޝިޔާގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިއެއް ކައިރީ އޭނާގެ މައްސަލަ ތަހުގީގު ކުރަން އުޅޭ ވާހަކަ މިއަދު ހެނދުނު އޭނާ ބުނި ކަމަށެވެ.
ނޫރުލް އިއްޒާހު މިއަދު ވަނީ ފުލުހުންގެ މަރުކަޒަކަށް ހާޒިރުކޮށް، ޕީޕަލްސް ޖަސްޓިސް ޕާޓީ އިން މި މަހު 7 ވަނަ ދުވަހު ބޭއްވި ރެލީއެއްގައި އޭނާ ދެއްކެވި ވާހަކައާ ގުޅިގެން ބަޔާން ނަގައިފައެވެ.
ޕާލަމެންޓް ގަޔާއި އަދި ޕަބްލިކް ރެލީގައި ނޫރުލް ވަނީ އޭނާގެ ބައްޕަގެ މައްޗަށް ކުރި، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ހުކުމާ ގުޅޭ ގޮތުން ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އިދިކޮޅު ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ނޫރުލް ބަންދުގައި ބައިންދާނީ ކިހާ އިރެއް ވަންދެންކަން ނޭނގޭ ކަމަށެވެ.
ނޫރުލްގެ ދެއްކި ވާހަކަ އަދި އޭނާގެ ދިފާއުގައި ޕާލަމެންޓްގެ އެހެން މެމްބަރަކު ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"ފުލުހުން އެ ކުރަނީ ގާނޫނާ ހިލާފު ކަމެއް، އަދި ގާނޫނު އަސާސީއާ ވެސް ހިލާފުކަމެއް. އެއީ ކަނޑައެޅިގެން މެމްބަރެއްގެ ހައްގާއި ރައްކާތެރިކަމަށް އަރައިހަތުން." އެން ސުރަންދުރަން ކިޔާ ޕާލަމެންޓް މެމްބަރަކު ފޭސްބްކްގައި ވިދާޅުވި އެވެ.
މެލޭޝިޔާގެ އެންމެ މަތީ ކޯޓުން އަންވަރުގެ މައްޗަށް ވަނީ މިދިޔަ މަހު 10 ވަނަ ދުވަހު ފަސް އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ. އަދި އެ ހުކުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.
ވަރަށް ގިނަ މީހުން ބުނަނީ އަންވަރަކީ، މެލޭޝިޔާ 1957 ވަނަ އަހަރު މިނިވަން ވީއްސުރެ ވެރިކަން ކުރަމުން އަންނަ، އަމްނޯ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އޮތް އެންމެ ނުރައްކާ ބޮޑު ލީޑަރު ކަމަށެވެ. އަދި އަންވަރަށް ކުރި ހުކުމަކީ އޭނާގެ ސިޔާސީ ހަޔާތް މަރާލުމަށް ކުރި ހުކުމެއް ކަމަށެވެ.