އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އާއި ފީފާގެ ނައިބު ރައީސް ޕްރިންސް އަލީ ބިން އަލް ހުސެއިންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅޭ ފަދަ ގޮތަކަށް ތުހުމަތުކޮށް، ފީފާ އަށް ކްލަބް ވެލެންސިޔާ އިން ފޮނުވި ސިޓީގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނެރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ވެލެންސިޔާ އިން ފޮނުވި ސިޓީގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނެރީ ކޮމިޓީ އަށް ފޮނުވިކަން ހާމަ ކުރަމުން، މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަވީދު ވިދާޅުވީ އެ މައްސަލަ ޑިސިޕްލިނެރީ ކޮމިޓީއަށް ފޮނުވާފައި ވަނީ އެ ކްލަބުން އެކަމަށް މައާފަށް އެދިފައި ނުވާތީ ކަމަށެވެ.

"ފީފާގެ ނައިބު ރައީސް އާއި އަޅުގަނޑުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް އެޅޭ ފަދަ ގޮތަކަށް ކްލަބް ވެލެންސިޔާ އިން ފީފާއަށް ސިޓީ ފޮނުވި މައްސަލައިގައި، ވެލެންސިޔާއަކީ ރާއްޖޭގައި އެންމެ ރަނގަޅު ހިސްޓްރީއެއް އޮތް އެއް ކްލަބަށް ވުމުން، އެފްއޭއެމް އެކްސްކޯ އިން ނިންމީ އެ ކްލަބް އެކަމަށް މައާފަށް އެދުމަށް ތިން ދުވަހުގެ މުހުލަތެއް ދީ، އެއަށް ފަހު އެ މައްސަލަ ޑިސިޕްލިނެރީ ކޮމިޓީއަށް ފޮނުވަން،" ޝަވީދު ވިދާޅުވި އެވެ.

"އެކަމުގައި ވެލެންސިޔާ އިން އަޅުގަނޑުމެނަށް ޖަވާބު ދީފައި ވަނީ އިއްޔެ ހަވީރު. އެ ކްލަބުން ގަބޫލް ކުރަނީ އެފްއޭއެމްގެ ކޮންގްރެސްގައި އަޅުގަނޑު އެ ވާހަކަ އެގޮތަށް ދައްކާފައި ވާކަމަށް."

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކްލަބް ވެލެންސިޔާ އިން ފީފާއަށް ސިޓީ ފޮނުވާފައި ވަނީ އެފްއޭއެމްގެ އެކްސްޓްރާއޯޑިނެރީ ކޮންގްރެސްގައި އެ އެސޯސިއޭޝަނަށް މިފަހަރު ފީފާ އިން ބޮޑު ބަޖެޓެއް ހަމަޖެހުނީ ފީފާގެ ނައިބު ރައީސް ޕްރިންސް އަލީގެ އެހީތެރިކަމާ އެކު ކަމަށް ޝަވީދު ވިދާޅުވި ކަމަށް ބުނެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ފީފާ އިންތިހާބުގައި، އެފްއޭއެމް ތާއީދު ކުރާނީ ޕްރިންސް އަލީއަށް ކަމަށް ކޮންގްރެސްގައި ޝަވީދު ވިދާޅުވި ކަމަށް އެ ސިޓީގައި ވެލެންސިޔާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެފްއޭއެމުން ވަނީ އެ ވާހަކަތައް ދޮގުކޮށް، އެކަމާ ގުޅޭ ގޮތުން ވެލެންސިޔާ އަށް އެފްއޭއެމުން ފޮނުވި ޖަވާބު މީޑިއާއާ ހިއްސާ ކޮށްފަ އެވެ.

ޝަވީދު ވިދާޅުވީ ހާމަކަން ބޮޑުގޮތެއްގައި އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ދެއްކި ވާހަކަތަކާ މެދު ވެލެންސިޔާ އިން ދޮގުހަދައިގެން ވާހަކަ ފެތުރުމުން، އެކަމާ ވަރަށް ހިތާމަ ކުރާ ކަމަށެވެ. އަދި އެކަމަށް ފީފާއިން ވެސް އެ ކްލަބާ މެދު ފިޔަވަޅު އަޅަން ބާރު އަޅާފައި ޥާކަން ޝަވީދު ވަނީ ހާމަ ކޮށްފަ އެވެ.

"ރަނގަޅު ގޮތުގައި ފާޑު ކިޔުމަކީ އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނާނެ ކަމެއް. ނަމަވެސް ގިނަ ކްލަބުތަކަކާއި މީޑިއާތަކެއްގެ ކުރިމަތީ ދެއްކި ވާހަކައަކާ ބެހޭ ގޮތުން އެފަދަ ދޮގު ހަބަރުތައް ފެތުރުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. ވަކިން ހާއްސަކޮށް އެ މައްސަލާގައި ފީފާގެ ނައިބު ރައީސް އާއި އަޅުގަނޑުގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅިގެން ދާއިރު،" ޝަވީދު ވިދާޅުވި އެވެ. "އެ މައްސަލާގައި ފީފާގެ އިންސްޓްރަކްޝަން ވަރަށް ސާފު، އެ ބޭފުޅުން ވަނީ އެ ކްލަބާމެދު ފިޔަވަޅު އަޅަން ބާރު އަޅާފައި. އެ ކްލަބާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެފްއޭއެމް އެކްސްކޯއަށް ވެސް ލިބިގެން ވޭ."