ކްރިމިނަލް ކޯޓަށް ވަކި ބަޔަކު ނުވެއްދުމަށް މަސައްކަތެއް ނުކުރާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް މިއަދު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޓުގައި ތިއްބަވާ ބޭފުޅުން އަންގާ އެންގުންތަކާ ކޯޓުގެ ހަދާފައިވާ ގަވާއިދުކަށް ހުރުމަތްތެރިކޮށް ނުހިއްތަވައިފި ނަމަ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގައި ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއިގެން އެއްވެސް ކަމެއް ކޮށްފި ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށް އަލީ އާދަމް ވިދާޅުވި އެވެ.

"އެ ދުވަހު ވެސް [ރައީސް ނަޝީދަށް ހުކުމް ކުރި ރޭ] ބައެއް ނޫސްވެރިން ބުނީ ތިމަންނާ މެން ބޭރަށް ނުކުންނަން ބޭނުމޭ. ބޭރަށް ނުކުންނަން އެއްވެސް ފަރާތަކުން ބޭނުން ވެއްޖިއްޔާ އަޅުގަނޑުމެން ހުރަހެއް ނާޅަން. ބޭނުންވާ ފަރާތަކުން ހަމަ ބޭރަށް ދާންވީ. އެކަމަކު އަޅުގަނޑުމެންގެ ވެސް [ކޯޓުގައި ވެސް] ހުންނާނެ ދެއްތޯ ގަވާއިދުތަކަކާއި އުސޫލުތަކެއް. ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނެތް ކަމުގައި ވިއަސް ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑުމެން އަމަލު ކުރާ އުސޫލުތަކާއި ގަވާއިދުތަކެއް ހުރޭ. އަޅުގަނޑުމެން އެ ގަވާއިދުތަކަށް އެ އުސޫލުތަކަށް އަމަލު ކުރަމުން މި ދަނީ. ދެން އެބޭފުޅުން [ނޫސްވެރިން] ގާތު އަނބުރާ ކޯޓަށް ނުވަދެވޭނޭ ބުނީމާ އެ ކުޑަކޮށް ކޯޓު ތެރޭ އަޑުގަދަ ވެސް ވި،" އަލީ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ ހުރުމަތްތެރިކޮށް ހިތަން ޖެހޭ ތަނެއް ކަމަށް އިސްލާމް ދީނުގައި ވެސް ބުނެފައިވާ ކަމަށެވެ. އަލީ އާދަމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދާ އިރު ކޯޓު އޮފިސަރު މަޖިލީހަށް ވަންނަ ފަރާތްތަކަށް ވަރަށް ސާފުކޮށް ހުރިހާ އެއްޗެއް ކިއާދޭނެ ކަމަށެވެ.

"ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދާ އިރު އެ މަޖިލިސް މި ގެންދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެއްވެސް ކަމެއް ފޮރުވައިގެން ނެއް ނޫން. އެހެންނަމަވެސް ގާނޫނު އަސާސީގައި ވެސް އޮވޭ މައްސަލަ ބަލާ ގާޒީއަށް ހާމަކަން ބޮޑު ގޮތެއްގައި މައްސަލަ ބަލައިފިއްޔާ މައްސަލަ އަށް އަސަރު ކޮށްފާނެ ކަމަށް ހީ ކުރެވިއްޖެ ހާލަތެއްގައި އެ ޝަރީއަތަކީ ހާމަކަން ބޮޑު ގޮތެއްގައި ގެންދާނެ ޝަރީއަތެއްތޯ ކަނޑައެޅުމުގެ އިހުރިޔާރު. ދެން ޝަރީއަތުގެ މަޖިލީހަކީ މާ ބޮޑު ތަނެއް ވެސް ނޫން. އެ ތަނުގައި މި ތިބެވެނީ ގިނަވެގެން 20 މީހުންނަށް. އަޅުގަނޑު ހަމަ ތަކުރާރުކޮށް ބުނެލަން ބޭނުން. ކޯޓުގައި ވެސް ގަވާއިދުތަކެއް ހުރޭ. ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަންތައް ކުރާ ކަމަށް ވާނަމަ އެކަން ކަމަށް ރިއާއަތް ކޮށް ފިޔަވަޅު ވެސް އެޅޭނެ،" އަލީ އާދަމް ވިދާޅުވި އެވެ.

އަލީ އާދަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރި ރޭ ކަން ހިނގާ ދިޔަ ގޮތް އެ ކޯޓުން ބަލަމުން އަންނަ ކަމަށާއި އަދި އެކަން ބެލުމަށް ފަހު ފުރުސަތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ނޫސްވެރިއަކަށް އަދި އެއްވެސް މީޑިއާ އަކަށް ކޯޓަށް ނުވައްދާކަށް ނުނިންމަން. އެއްގޮތަކަށް ވެސް މީހަކު ނުވަތަ މީޑިއާ އަށް ނުވައްދާކަށް މަސައްކަތެއް ނުކުރަން." އަލީ އާދަމް ވިދާޅުވި އެވެ.