16 Mar 2015, 15:41
ރާއްޖޭގެ އެކި ސަރަހައްދުގައި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ނ. މާފަރުގައި އެއާޕޯޓް ތަރައްގީކުރަން ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާފަރު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހުމަދު ބަދީއު މިއަދު ސަން އަށް ވިދާޅުވީ، މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، އެރަށުގައި އެއާޕޯޓް ތަރައްގީ ކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކުރިއަށްއޮތް ތިން މަސް ތެރޭ އެމަސައްކަތް ނިމޭނެ ކަމަށެވެ.
"އެބޭފުޅުންގެ ކޮންސެޕްޓްގައި އޮތްގޮތުންނަމަ ތިން މަހުގެ ތެރޭގައި ސާފް ކުރުމަށްފަހު ޓެމްޕަރަރީ އޭރިއާއާއި އެކީގައި އެހެން މަސައްކަތްތައް ފެށިގެންދާނެ،" ބަދީއު ވިދާޅުވި އެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް ފަތުރުވެރިކަން ފުޅާކުރުމަށް އަތޮޅުތަކުގައި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މާފަރުގައި އެއާޕޯޓެއް ތަރަށްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާ އެވެ.
މާފަރު ކައުންސިލްއިން ބުނީ، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓުން މައުލޫމާތު ދޭގޮތުގައި މިއަހަރު ނިމޭހިސާބުގައި އެރަށުގައި އެއާޕޯޓް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސަމީ އަގީލް "ސަން"އަށް ވިދާޅުވީ މާފަރުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު އެކަން ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި ގެނައުމުގެ މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތަކީ އެތައް ފަހަރެއްގެ މަތިން ލަސްވެފައިވާ މަސައްކަތެކެވެ. އެ ރަށުގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް 2008ގައި ނޫނު ހޮޓެލްސްއާ އެކު ހެދި އެއްބަސްވުން އުވާލާފައިވާއިރު އެގޮތަށް ނިންމީ އެއާޕޯޓް އެޅުން ލަސްވެގެންނާއި އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ ރަށު ރައްޔިތުން މުޒާހަރާކޮށް، ސަރުކާރަށް ޕްރެޝަރުކޮށްފައި ވަނިކޮށެވެ.