16 Mar 2015, 14:45
ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓް ކުރާ ގައުމަކީ ޗައިނާ ކަމަށް ސްޓޮކްހޯލްމް އިންޓާނޭޝަނަލް ޕީސް ރިސާޗް އިންސްޓިއުޓް (އެސްއައިޕީއާރު) އާއި ހަވާލީދީ ބީބީސީން ބުނެފި އެވެ.
ޗައިނާއިން ވަނީ 2010 އަކާއި 2014 އާއި ދޭތެރޭ ގިނަ އަދަދެއްގެ ހަތިޔާރު އެކްސްޕޯޓްކޮށްފައި ކަމަށް ބީބީސީން ބުނެއެވެ. 2010 އަކާއި 2014 އާއި ދޭތެރޭ ޗައިނާއިން ވަނީ މީގެ ކުރީ ފަސް އަހަރަށް ވުރެ 143 އިއްސައްތަ ގިނަ ހަތިޔާރު އެކްސްޕޯޓްކޮށްފައެވެ. އެހެންނަމަވެސް، ދުނިޔޭގެ ހަތިޔާރު މާރކެޓްގައި ޗައިނާ ކޮންޓްރޯލް ކުރަނީ 5 އިއްސައްތަ އެވެ.
އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކޮށްފައިވާ ގައުމަކީ އެމެރިކާ އެވެ. މުޅި ދުނިޔޭން އެކްސްޕޯޓްކޮށްފައިވާ ހަތިޔާރުގެ 31 އިއްސައްތަ އެކްސްޕޯޓްކޮށްފައި ވަނީ އެމެރިކާއިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކޮށްފައި ވަނީ ރަޝިޔާއެވެ. އެއީ 27 އިއްސައްތައެވެ. އެހެންކަމުން ދުނިޔޭގައި ވިއްކާ ހަތިޔާރުގެ 58 އިއްސައްތަ ކޮންޓްރޯލް ކުރަނީ ރަޝިޔާ އާއި އެމެރިކާ އިންނެވެ.
ޗައިނާ އިން އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ބަނގްލަދޭޝް، ޕާކިސްތާން އަދި މިޔަންމާ ހިމެނެއެވެ. ދުނިޔޭގެ ދެވަނަ އަށް ބޮޑު އިގްތިސާދު ޗައިނާއި އިން ހަތިޔާރު ވިއްކާ ގައުމުތަކުގެ ތެރޭގައި އެފްރިކާގެ 18 ގައުމެއް ހިމެނެއެވެ.
އެސްއައިޕީއާރުން އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓް ކުރި ގައުމަތައް ބަލާފައި ވަނީ އެކްސްޕޯޓް ކުރި އަދަދަށް ބަލއިގެންނެވެ. ފައިސާގެ ގޮތުން ޖެހޭ މިންވަރަށް ބަލައިގެންނެއް ނޫން ކަމަށް ބީބީސީ އިން ބުނެއެވެ.