16 Mar 2015, 14:20
އިރާގުގެ ސަލާމަތީ ބާރުތަކާއި އެ ގައުމުގައި ހަރަކާތްތެރިވާ "އިސްލާމިކް ސްޓޭޓް" (އައިއެސް) ޖަމާއަތާއި އަދި ސީރިޔާގައި ހަރަކާތްތެެރިވާ އެ ޖަމާއަތުގެ މީހުންގެ މެދުގައި ބަދަލު ކުރި ހަމަލާތަކެއްގައި ތިކްރީތުގައި ހުންނަ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ މަގުބަރާ ފުނޑުފުނޑުކޮށްލައިފި އެވެ.
ނިިއުސް އެޖެންސީ، އޭޕީ އިން އިއްޔެ ބުނީ ވަރަށް ސާހީކޮށް ހަދާފައި ހުރި، ސައްދާމުގެ މަގުބަރާ އިން ފެންނަން މިހާރު ހުރީ ފުރާޅު ހިފެހެއްޓުމަށް ޖަހާފައި ހުރި ތަނބުތައް އެކަނި ކަމަށާއި އެ ނޫން ހުރިހާ ތަނެއް ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ.
ތިކުރީތުގެ ދެކުނާއި ހުޅަނގުގައި ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށީ އިރުގާގުގެ ސަލާމަތީ ބާރުތަކުން ތިކްރީތު ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އެ ސިޓީއަށް އެރިތާ 38 ގަޑި އިރު ތެރޭގައި ކަމަށް ވެސް އޭޕީ އިން ބުންޏެވެ.

އިރާގުގެ ސިފައިން މިހާރު ތިބީ ފުނޑުފުނޑުކޮށްލާފައިވާ، ސައްދާމު ހުސައިންގެ މަގުބަރާ ކައިރިން 130 ކިލޯ މީޓަރު ދުރުގައި އުތުރުގަ އެވެ.
ތިކްރީތު އައިއެސްގެ ބާރުގެ ދަށަށް ދިޔައީ މިދިޔަ ޖޫން މަހު އެވެ. އިރާގުގެ ހުޅަނގު ސަރަހައްދު އައިއެސްގެ ބާރުގެ ދަށް ގެންދިއުމަށް އެހީތެރިވީ ސައްްދާމުގެ މަދަދުގާރުންނެވެ. އަދި އެ މީހުންގެ ތެރޭގައި ކުރީގެ މިލިޓަރީ މީހުން ވެސް ހިމެނޭ ކަމަށް އޭޕީ އިން ބުންޏެވެ. އެ މީހުން ބުނާ ގޮތުން އިރާގުގެ ވެރިކަން ކުރާ ސިއާ މީހުން ވަނީ ސުންނީން އެކަހެރިކޮށް ބާރު ކަނޑުވާލައިފަ އެވެ.
އައިއެސް އިން ބުނި ގޮތުގައި މިދިޔަ އޯގަސްޓް މަހު ވަނީ ސައްދާމުގެ މަގުބަރާ ހަލާކޮށްލައިފަ އެވެ. ނަމަވެސް އެ ސަރަހައްދުގެ އާންމުން ބުނީ އެ ފަހަރު އެ މަގުބަރާ އަށް ކޮންމެވެސް ވަރަކަށް ގެއްލުންވި ކަމަށާއި އަދި އަލިފާނުގެ ހާދިސާއެއް ވެސް ހިނގި ކަމަށާއި ނަމަވެސް އެފަހަރު އެއްކޮށް ހަލާކު ނުވާ ކަމަށެވެ.
ސައްދާމު ހުސައިންގެ ހަށިގަނޑު 2007 ވަނަ އަހަރުން ފެށިގެން ވަޅުލާފައި ވަނީ، ސައްދާމުގެ އުފަން ރަށް، އޫޖާ ގަ އެވެ. އެ މަގުބަރާ ތައްޔާރުކޮށްފައި ވަނީ މާބުލް ޖަހާފައިވާ އިމާރާތެއްގައި އަދި ސައްދާމުގެ ހަށިގަނޑު އޮންނަ ތަނުގެ މަތީގައި އެނދެއް ބެހެއްޓުމަށް ފަހު، އެ އެނދުމަތީގައި ތާޒާ މާ ބަހައްޓާ ގޮތަށެވެ.
އިރާގު މީޑިއާ އިން ބުނީ ސައްދާމުގެ މަދަދުގާރުން އޭނާގެ ހަށިގަނޑު މިދިޔަ އަހަރު ނަގައި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއް ކަން ނޭނގޭ ކަމަށެވެ.