16 Mar 2015, 13:46
އެޗްޑީސީ އާއި ހުޅުމާލެ ޕޮލިސް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގެ ޗެންޕިއަންކަން ހުޅުމާލެ ޕާކް ބޯއިސް ހޯދައިފި އެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން ޕާކް ބޯއިސް ހޯދީ އިއްޔެ ހަވީރު އެޗްޑިސީ ވޮލީ ގްރައުންޑުގައި ކުޅުނު މުބާރާތުގައި ފައިނަލް މެޗުގައި، 2-3 ސެޓުން ޓީމް އެމްޓީސީސީގެ މައްޗަށް ކުރި ހޯދައިންނެވެ.
މެޗުގެ ފުރަތަމަ ސެޓު އެމްޓީސީސީ ކާމިޔާބު ކުރި ނަމަވެސް، ޕާކް ބޯއިސް ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު ހޯދާފަ އެވެ. އަދި މެޗުގެ ހަތަރު ވަނަ ސެޓު ވެސް އެމްޓީސީސީ ގެންދިޔަ އިރު، ޕާކް ބޯއިސް މެޗު ކާމިޔާބު ކުރީ ކުޅުނު ޓައި ބްރޭކާ ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ބޯއިސްގެ އިސްމާއިލް ސާޖިދު އެވެ.
ފައިނަލް މެޗަށް ފަހު ބޭއްވި އިނާމްދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެންޕިއަންކަން ހޯދި ޕާކް ބޯއިސްއަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 20،000 ރުފިޔާ އާއި ވަދައިގެ ތަށި ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފަރާތްތަކަށް ވެސް އެ ރަސްމިއްޔާތުގައި ވަނީ އިނާމް ދީފަ އެވެ.
ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖު 2015ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް އެމްޓީސީސީގެ އަލީ ހުޒާމު އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް އެ ޓީމުގެ ޝިރުހާން އަބްދުއްސައްތާރު ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕާކް ބޯއިސްގެ އަބްދުﷲ ރަޝީދު އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ސާވަރަކަށް ޕާކް ބޯއިސްގެ މުހައްމަދު ރިޟްވާން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ހުޅުމާލޭ ޕޮލިސްގެ އަހުމަދު އަބްދުލް ކަރީމް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޑިގަރަކަށް އެ ޓީމްގެ އަހުމަދު ވިސާމު ހޮވުނުއިރު، މި މުބާރާތުގެ އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ ޕާކް ބޯއިސްގެ އަހުމަދު ފާޒިލް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ އެމްޓީސީސީގެ އަހުމަދު ރިފާއު އެވެ.
އޭގެ އިތުރުން އެ މުބާރާތް ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލައެއް ދީފައެވެ. އެ ރަސްމިއްޔާތުގައި ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕުރިންޓެންޑެންޓު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި މާލޭ ސިޓީ ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަތުހުﷲ ވަހީދުގެ އިތުރުން ފުލުހުންގެ އިސް ވެރިން ބައިވެރިވެފައިވެ އެވެ.
މިމަހުގެ ހަތަރަކުން 15 އަށް ބޭއްވި ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖުގައި ވަނީ މުޅިއަކު ހަތް ޓީމެއް ވާދަކޮށްފަ އެވެ.