ދެ ދަރިކަނބަނލުންނަކީ ވާނުވާ އެނގޭވަރުގެ ކުދިން ކަމަށާއި އެހެންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދޭތެރޭ ދައުލަތުން އަމަލު ކުރަމުން އަންނަ ގޮތްތައް ސިއްރު ކުރަން ބޭނުން ނުވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ލައިލާ ވިދާޅުވީ ދަރިން ބޮޑުވަމުން އަންނަ ވަރަކުން ކަންކަން އެނގޭ ކަމަށެވެ. އަދި ދެ ދަރިން ތުއްޕުޅު އިރު ރައީސް ނަޝީދުއާ ދޭތެރޭ ކުރީގެ ސަރުކާރުތަކުން ވެސް ކަންތައް ކުރަމުން އައިސްފައިވާ ގޮތް ސިއްރު ކޮށްފައިވާނެ ކަމަށް ލައިލާ ވިދާޅުވި އެވެ.

"ދަރިން ބޮޑުވަމުން އަންނަ ވަރަކަށް އެނގޭ. މިހާރު އެނގޭނެ. ކުރީކޮޅުގައި ވަރަށް ރުޅިވެސް އާދޭ. ބައްޕަ ތިމަންނަމެނަށް ވުރެ މުޅި ގައުމަށް އިސްކަން ދެއްވަނީއޭ ކިޔާނެ. އަޅުގަނޑުމެންނަކަށް ވަގުތެއް ނުދެއްވައޭ. ވަރަށް މައްސަލަ ޖައްސާނެ. މިހާރަކު އެކަމަކު އެހެން ވާހަކައެއް ނުދައްކާ. މިހާރު ވިސްނޭ ކީއްވެގެންކަން އެގޮތަށް އެވަނީ،" ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ވިދާޅުވި އެވެ.

ލައިލާ ވިދާޅުވީ ދެ ދަރިކަނބަލުންނަށް ދާދި ފަހުން ރައީސް ނަޝީދު ސިޓީފުޅެއް ފޮނުއްވި ކަމަށާއި އެ ސިޓީގައި ވަނީ މީހުންނަށް ހިތްބަރު ނުކުރުމަށާއި އަބަދު ވެސް މީހުންނަށް މައާފު ކުރަންވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. ލައިލާ ވިދާޅުވީ އެއީ އަބަދުވެސް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅެއް ކަމަށެވެ.

"އިހަށް ދުވަހުވީ ގޮތަކީ ޖަލުގައި އިނދެފައި ސިޓީއެއް ރަސްމީކޮށް ހުއްދަ ހޯދައިގެން ކުދިންނަށް ފޮނުވީ. ދެން އަޅުގަނޑު އަތަށްތާ އެ އަންނާނީ. (އޭގައި އޮތީ) މީހުންނަށް ހިތްބަރު ނުކުރައްޗޭ، މައާފް ކުރައްޗޭ. ހަމަ އަބަދުވެސް އަދި ވެސް މާފުކުރުމުގެ ވާހަކަ. ކޮންމެހެން ފާޅުގައި އެކަންޏެއް ނޫން. ކުދިންނަށް ލިޔުނު ސިޓީގައި ވެސް އޮތީ އެހެން." ލައިލާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑަށް ބޭއިންސާފުވީ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުންނަށް ހެޔޮ ރަހްމަތް" ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ޖަލުގައި އޮންނަ ވަނީ އިތުރު ގޮތެއް ނެތިގެން ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީންގެ "ފައިންޕުޅު މައްޗަށް" ވެއްޓި އާދޭސްކޮ އޭނާ ކުރާ މަސައްކަތްތައް ހުއްޓާލާނެ ކަމަށް ބުނުމުން މިނިވަން ވެސް ވެދާނެ ކަމަށާއި އެހެންނަމަވެސް އޭރުން ދިވެހިންނާއި ދިވެހި ރައްޔިތުން ވެއްޓޭނީ ހިތާމަވެރި މަންޒިލަކަށް ކަމަށް ރައީސް ނަޝީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައި އެވެ.