ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ނޫސްވެރިންތަކެއް ނުވެއްދުމަށް އެ ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން ނިންމާފައި ވަނީ ސީއެންއެމްގެ މިސްބާހު އައްބާސް އާއި ޓީވީއެމްގެ މުހައްމަދު އަފްޒަލް އާއި އަވަސްގެ މުއިއްޒު އިބްރާހިމް އެވެ.

ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ނުވެއްދުމަށް ކޯޓުން ނިންމާފައިވާ ނޫސްވެރިއަކު "ސަން"އާ ވާހަކަ ދައްކަމުން މިއަދު ބުނީ އޭނާ ކޯޓަށް ވަނުމަށް ނަން ނޯޓު ކުރަން ދިއުމުން ކޯޓަށް ނުވަދެވޭނެ ކަމަށް އެންގި ކަމަށެވެ.

"އެ މީހުން ބުނީ އެގޮތަށް އެ ފިޔަވަޅު އެޅީ ވިސްނާލަން ވަގުތު ދިނުމުގެ ގޮތުން ކަމަށް. އަދި ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަމަލު ކުރީއޭ ވެސް ކޯޓުން ބުނި،" ނޫސްވެރިޔާ ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ކޯޓުގެ މީޑިއާ އޮފިޝަލަށް ފޯނު ކުރި އިރު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކްރިމިނަލް ކޯޓަށް ނޫސްވެރިންތަކެއް ވަނުން މަނާ ކޮށްފައިވާ އިރު ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރި ރޭ ނޫސްވެރިން ކޯޓުގައި ބަންދުކޮށްފައި ބެހެއްޓި ކަމަށް ބުނާ މައްސަލައެއް ނޫސްވެރިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް އެ މައްސަލަ ހުށަހަޅަން ޖެހޭނީ ޖޭއެސްސީ އަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.