ފުލުހުންގެ ޒިންމާތަކާއި ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންނަށް ވީހާވެސް ގިނަ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ފުލުހުންނަށް ހާއްސަކޮށް ދެ ޑިޕްލޮމާ ކޯހެއް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސީޕީ ވަހީދު ވިދާޅުވީ، ފުލުހުންނަކީ އަބަދު ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރާނެ ޒިންމާދާރު މުއައްސަސާއެއް ކަމަށެވެ.

އެހެންކަމުން އެ ވާޖިބު ފުރިހަމަގޮތުގައި އަދާކުރުމަށް ދިވެހި ފުލުހުންނަށް ވީހާވެސް ގިނަ ތައުލީމުގެ ފުރުސަތުތައް ހުޅުވާލަން ޖެހޭ ކަމަށާއި އެ ފުރުސަތުތައް ހޯދައިދިނުމަކީ ފުލުހުންގެ ލީޑާޝިޕުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުން ވެސް ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ސީޕީ ވަހީދު ވިދާޅުވި އެވެ.

"ފުލުހުން މަސައްކަތް ކުރަމުން ދަނީ ޒުވާނުންނާއި ދުވަސްވީ މީހުންނާއި ހަރުމީހުންނަށް ލިބިދޭންޖެހޭ އިހުތިރާމާއި ގަދަރުދީ ފުރާވަރުގެ ކުދިންނަށް ހަރުދަނާ ތަރުބިއްޔަތު ދިނުމަށް. މިކަންކަން ފުލުހުންގެ ތަސައްވުރާ އެއްގޮތަށް ހާސިލް ކުރެވޭނީ އެކަމަށް ބޭނުންވާ ތައުލީމާއި އިލްމީ ގާބިލްކަން ފުލުހުންނަށް ދެވިގެން،" ސީޕީ ވަހީދު ވިދާޅުވި އެވެ.

މިއަދު އިފްތިތާހުކޮށްފައިވާ ދެ ކޯހަކީ ޑިޕްލޮމާ އިން ޕޮލިސިން އާއި ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހެވެ. އިސްކަންދަރުކޮށީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެކޯސް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.