އެކުވެރިކަމުގެ ދަތުރެއްގައި ޖަޕާންގެ އެންމެ މައްޝޫރު އެއް ޔުނިވާސިޓީ ކަމަށްވާ މެއިޖީ ޔުނިވާސިޓީގެ ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް މިއަދު ރާއްޖެއަށް އަންނަކަން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، މިއަދު އަންނަ ޖަޕާނުގެ ޓީޓީ ކުޅުންތެރިންތަކުގެ ތެރޭގައި، ޖަޕާނުގައި ގައުމީ ފެންވަރުގައި ކުޅޭ ޓީޓީ ކުޅުންތެރިންވެސް ހިމެނޭ ކަމަށެވެ. އަދި އެ ދަތުރުގައި، ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާއެކު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ރާވާފައި ވާކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދިނެވެ.

އޭގެ އިތުރުން މާދަމާ (17 މާޗް) ހަވީރު 16:00 ގައި ޒުވާނުންގެ މަރުކަޒުގައި، ޖަޕާނު ކުޅުންތެރިންގެ ހުނަރުތައް ދައްކާލުން އޮންނާނެ ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޖަޕާނުގެ ކުޅުންތެރިން ރާއްޖޭގައި މަޑުކުރަން ނިންމާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ. އެ ކުޅުންތެރިން ނިސްބަތްވާ މެއިޖީ ޔުނިވާސިޓީއަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަ އެ ގައުމުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ އެވެ.