ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން ނަޝީދަށް ހާއްސަކޮށް ޖަލުގައި ތައްޔާރުކުރަނީ އޭސީ އެޕާޓުމެންޓެއްކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދަޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދަށް ޖަލުގައި ތައްޔާރު ކުރަނީ އިންސާނުން އުޅެން އެކަށީގެން ނުވާތަނެއް ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި އަޑުފަތުރާފައި ވަނިކޮށް މިއަދު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދަށް ހާއްސަކޮށްގެން މާފުށީ ޖަލުގައި ތައްޔާރުކުރާ 264 ސްކެއާ ފޫޓުގެ އެޕާޓްމެންޓުގައި އޭސީގެ އިތުރުން ޓީވީ އަކާއި ވީސީޑީ ޕްލޭޔަރަކާއި 1087 ސްކެއާ ފޫޓުގެ ބަގީޗާއެއްވެސް އޮއްނާނެ ކަމަށެވެ.

ނަޝީދަށް "ޖަލުގެ އެހެން އެކުވެރިންނާއެކު އުޅުއްވޭނެ" ކަމަށްވެސް އުމަރުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އުމަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭ ކަމަށެވެ. އަދި ނަޝީދު ދޫނިދޫގައި ހުންނެވި ނަމަވެސް އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ނަޝީދު އަމިއްލަފުޅަށް ހަށިގަނޑަށް އަނިޔާއެއް ދެއްވަން އުޅުއްވި ނަމަވެސް އެކަން ވެސް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ.

މާފުށީ ޖަލުގައި ނަޝީދަށް ހާއްސަކޮށް ތައްޔާރުކުރާ އެޕާޓްމަންޓް ނިމެންދެން ނަޝީދު ބަހައްޓާފައި ހުންނެވީ ދޫނިދޫގަ އެވެ.