16 Mar 2015, 11:35
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް އެފްއޭއެމުން ކުރަން ނިންމާފައި ވާއިރު، މި ފަހަރު ގެންނަ ބަދަލުތަކުގެ ތެރޭގައި އެ އެސޯސިއޭޝަނުން ތައާރަފްކުރަން ނިންމާފައިވާ ކްލަބް ލައިސެންސިން ސިސްޓަމް ތައާރަފް ކުރަން އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.
އެފްއޭއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ކްލަބްތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކޮށް، ފުއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ތައާރަފްކުރަން ނިންމާފައިވާ ކްލަބް ލައިސެންސިން ސިސްޓަމްގެ ގައިޑްލައިންތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
އޭގެ އިތުރުން މާދަމާ (17 މާޗް) އިން ފެށިގެން ކްލަބް ލައިސެންސިން ސިސްޓަމްގެ ގައިޑްލައިންތަކާއި، ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމުން ކްލަބްތަކަށް ދޫކުރެވޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ކްލަބް ލައިސެންސިން ސިސްޓަމް ތައާރަފް ކުރުމަށްފަހު، އެފްއޭއެމުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނީ ހަމައެކަނި އެ ސިސްޓަމްގައި ބައިވެރިވެފައިވާ ކްލަބްތަކަށް ކަމަށް އެފްއޭއެމުން މައުލޫމާތު ދިނެވެ.