ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބުނެފި އެވެ.

ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރަށް ޖަލަށްލުމަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވާގޮތުން، މީހުންގެ މެދުގައި ސުވާލު އުފެދި ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ " އިތުބާރު ގެއްލިގެން ދިއުމުގެ ކަންބޮޑުވުން އެބައޮތް" ކަމަށެވެ.

ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އީޔޫ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ނަޝީދަށް ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އިންސާފުވެރިކަމާއެކު ހާމަކަންބޮޑުކޮށް ކަމަށެވެ. އަދި ނަޝީދަށް ދޭންޖެހޭ ހުރިހާ ހައްގެއް ފުރިހަމައަށް ދޭން ޖެހޭނެ ކަަމަށާއި އޭގެތެރޭގައި ލޯޔަރުންގެ އެހީތެރިކަންވެސް ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޒިންމާދާރު ކަމާއެކު ގާނޫނުއަސާސީގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ދިނުމަށް އީޔޫގެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އީޔޫގެ އިތުރުން އެޗްއާރުސީއެމް އާއި ޓްރާންސްޕޭރެންސީ އޮފް ދި މޯލްޑިވްސް އަދި އިންޑިއާ އާއި އެމެރިކާއިންވެސް ވަނީ ނަޝީދަށް ކުރި ހުކުމާ މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ.