ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި، ގެރެތު ބޭލް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު 2-0ގެ ނަތީޖާއަކުން ލެވާންޓޭ ބަލިކޮށް، ތާވަލްގެ އެއްވަނައިގައި މިހާރު އޮތް ބާސެލޯނާއާ އެއް ޕޮއިންޓް ގާތަށް އެ ޓީމް ޖެހިލައިފި އެވެ. ރޭގެ މެޗު، ނުރައްކާތެރި ހަމަލާތަކަކާ އެކު ފެށި ރެއާލްއަށް ބޭލް، ލީޑު ހޯދައިދިނީ 18 ވަނަ މިނެޓުގައެވެ. އަދި ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ރޮނާލްޑޯ ނެގި ޝޮޓު ބޭލްގެ ފައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނުމުން އޮފިޝަލުން ވަނީ އެ ލަނޑު އޭނާ ކާމިޔާބު ކުރިކަމަށް ނިންމާފައެވެ. ރޭގެ މެޗުގެ ކުރިން ރެއާލް ކުޅުނު ނުވަ މެޗުގައި ބޭލްއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ރޭގެ މެޗުގައި އޭނާ ވަނީ ފަހަކަށް އައިސް އޭނާއަށް ފާޑުކިޔާ ފާޑު ކިޔުންތެރިންނަށް ރައްދު ދީފައެވެ. ރޭގެ މުޅި މެޗުގައިވެސް އޭނާ ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، މެޗު ފެށިތާ ދެ މިނެޓުތެރޭ ރެއާލްގެ ފުރަތަމަ ފުރުސަތު ހޯދީވެސް ބޭލް އެވެ. މެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑޯ ދެ ފަހަރު މަތިން ފޮނުވާލި ހަމަލާއެއް ވަނީ ލެވަންޓޭގެ ގޯލް ދަނޑިއަށް އަމާޒު ވެފައެވެ. އަދި އެ ހާފްގައި ރެއާލްގެ ފޯވާޑް ލައިނުން ބެންޒެމާ އާއި ބޭލް އަދި ރޮނާލްޑޯ ވަނީ ރަނގަޅު ލީޑެއް ނެގޭ ވަރުގެ ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފްގައި ލެވާންޓޭއަށް މާ ނުރައްކާތެރި ހަމަލާއެއް ރެއާލްގެ ގޯލަށް ފޮނުވާލެވިފައި ނުވާއިރު، ދެވަނަ ހާފްގައި އެ ޓީމް ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަމަވެސް ލީގު ތާވަލްގެ ރެލިގޭޝަން ޒޯންގައި މިޙާރު އޮތް ލެވާންޓޭއަށް، އެ މެޗުގެ ފުރަތަމަ 11 އިން ފެނިގެން ދިޔަ ރެއާލްގެ ދެވަނަ ކީޕަރު ނަވާސް ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ހާފްގައި ފެނިގެން ދިޔަ އަވަސް ކުޅުން، ދެވަނަ ހާފްގައި ރެއާލްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް އެ ހާފްގައި އެ ޓީމަށް ރަނގަޅު ތިން ފުރުސަތެއް ލިބިގެން ދިޔައިރު، އިތުރަށް ލީޑު ފުޅާކޮށްލެވޭ ގޮތް ރެއާލްއަށް ވަނީ ނުވެފައެވެ.