ރާއްޖޭގެ ސޯޝަލް ވޯކަރުން އަމަލު ކުރާނެ ކޯޑް އޮފް ކޮންޑަކްޓް، ނުވަތަ އަހުލާގީ މިންގަނޑެއް އެކުލަވައިލާ އިފްތިތާހިކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އާއި، ޔުނިސެފް ގުޅިގެން ބޭއްވި ދެ ދުވަހުގެ ގައުމީ މަހާސިންތާގައި ސޯޝަލް ވޯކަރުންގެ ކޯޑް އޮފް ކޮންޑަކްޓް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އަލަށް އިފްތިތާހު ކުރި އުސޫލީ، އަހުލާގީ މިންގަނޑަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަސައްކަތުގަ އާއި ކުޑަކުދިންނަށް ރައްކާތެރި ވެއްޓެއް ގާއިމް ކުރުމުގެ މަސައްކަތުގައި އެއް ވިސްނުމަކާއި އެއް ރޫހެއްގައި މަސައްކަތް ކުރަމަށް އިގްރާރުވާ މިންގަނޑެކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަސައްކަތުގައި ކުއްޖާގެ މަސްލަހަތު އިސްކުރުމަށާއި، އެއްވެސް ކުއްޖަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅުމުގެ އިތުރުން ގާނޫނީ އަދި ޝަރުޢީ ކަންކަމުގައި ކުއްޖާގެ ބައިވެރިވުމާއި ކުއްޖާގެ ރައުޔަށް އިހްތިރާމް ކުރުމުގެ އުސޫލުތައް މި މިގަނޑުގައި ހިމަނާފައި ވެއެވެ.

ސާދަ ކަމަކަށް އިގްރާރު ވެފައިވާ އުސޫލީ މިންގަނޑާއެކު ކުޑަކުދިން ރައްކާތެރި ކުރުމާ ބެހޭ ދާއިރާތައް އެކުގައި މަސައްކަތް ކުރާނޭ ގޮތުގެ ގަވާއިދު އެކުލަވާލައި ވަކިވަކި ދާއިރާތަކަށް އެކުލަވާލަން ޖެހޭ އުސޫލް ތަކާއި ގަވާއިދު ތައް ހެދުމުގެ މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އެ ދާއިރާތަކުގެ މައްޗަށް ވޯކިން ގްރޫޕެއް އުފައްދަންވެސް ވަނީ ނިންމާފަ އެވެ.

އެ ގްރޫޕް ކުރިޔަށް އޮތް ރަސްމީ 10 ދުވަހުގެ ތެރޭގައި"ކުޑަކުދިން ރައްކާތެރި ކުރުމާއި ބެހޭ ދާއިރާތައް އެކުގައި މަސައްކަތް ކުރާނެ ގޮތުގެ ގަވާއިދު" ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.