16 Mar 2015, 11:04
ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެއަށް އަންނަ ފަރާތްތައް ހުއްޓުވުމަށް ފުރަތަމަ ފަހަރަށް ސެކަންޑަރީ ވެރިފިކޭޝަން ރޫމެއް ގާއިމްކޮށްފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް އަދި އިންފޯމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު "ސަން" އަށް ވިދާޅުވީ، އެރޫމް މިއަދުން ފެށިގެން ބޭނުން ކުރުމަށް ނިންމާފައިވާއިރު އެ ރޫމަކީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެރިފިކޭޝަން އިކްއިޕްމަންޓްސް ބެހެއްޓިފައިވާ ރޫމެއް ކަމަށެވެ. އެގޮތުން ސައްހަ ނޫން ޕާސްޕޯޓުގައި ރާއްޖެއަށް އަންނަ ފަރާތްތައް ދެނެގަންނަން އެރޫމު މެދުވެރިކޮށް އިންވެސްޓިގޭޓް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ސައްހަ ނޫން ޕާސްޕޯޓެއްގައި ރާއްޖެއަށް އަތުވެއްޖެނަމަ ނުވަތަ އެހެން ކަހަލަ ކަމެއް ޝައްކު ކުރެވިއްޖެ ނަމަ، އަޅުގަނޑުމެން ސެކަންޑްރީ އިންވެސްޓިގޭޝަން އަކަށް ބޭނުންކުރާނީ އެތަން،" ހަލީލް ވިދާޅުވި އެވެ.
މީގެ ކުރިން އެކަމަށް ހާއްސަކޮށް ރޫމެއް ނުހުންނަ އިރު، އެފަދަ ޕާސްޕޯޓް ދެނެގަތުމުގެ މަސައްކަތް އާންމުކޮށް ކުރަމުން އައީ މެނުއަލްކޮށެވެ.
ނަމަވެސް މިއަދުން ފެށިގެން އެރޫމު މެދުވެރިކޮށް އެފަދަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނީ ސިސްޓަމެޓިކްކޮށް މެޝިން ބޭނުންކޮށްގެން ކަމަށާއި އޭރުން މަސައްކަތް އަވަސްވެގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އެރޫމް ހުންނަނީ އެރައިވަލް ޓާމިނަލްގެ ތެރޭގައެވެ.
އެރޫމު މެދުވެރިކޮށް އެރައިވަލް ޓާމިނަލްގެ ސީސީޓީވީ އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.