16 Mar 2015, 10:37
ޓޮޓެންހަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗު 3-0 ލަނޑުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށް، ލީގް ތާވަލްގެ ތިންވަނައިގައި އޮތް އާސެނަލްއާ އެއް ޕޮއިންޓް ގާތަށް މެންޗެސްޓާ ޔުނައިޓަޑް ޖެހިލިއިރު، ތާވަލްގެ އެއްވަނަ ހިފަހައްޓަމުންދާ ޗެލްސީ، ސައުތޭމްޕްޓާނާ ދެކޮޅަށް ކުޅުނު މެޗު 1-1 ކުން އެއްވަރު ވެއްޖެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހޯދި ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ މިހާތަނަށް މުޅިއެކު 56 ޕޮއިންޓް ހޯދާފައެވެ. އަދި 57 ޕޮއިންޓާއެކު އާސެނަލް ތިންވަނައިގައި އޮތް އިރު، ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ ވަނީ މުޅިއެކު 64 ޕޮއިންޓް ހޯދައި، ތާވަލްގެ ދެވަނައިގައި އޮތް ސިޓީއާ އެ ޓީމާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް ހޯދާފައެވެ. ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި ރޭ ޔުނައިޓެޑް ލީޑު ހޯދީ ނުވަވަނަ މިނެޓުގައި ފެލާނީ ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ. އަދި 19 ވަނަ މިނެޓުގައި މައިކަލް ކެރިކް އެ ޓީމަށް އިތުރަށް ލީޑު ފުޅާކޮށްދިން އިރު، ތިންވަނަ ލަނޑު ކާމިޔާބު ކުރީ 34 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ވޭން ރޫނީ އެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހެމްއަށް ވަނީ މާ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފައެވެ. އެ ހާފްގައި ޔުނައިޓެޑްގެ ގޯލަށް އެންމެ ނުރައްކާވީ މެޗު ފެށިތާ ތިން މިނެޓުތެރޭ ޑިފެންޑަރު ޖޯންސް ކީޕަރު ޑެ ހެއާއަށް ދޭން އުޅުނު ބެކް ޕާހެއް ޑެ ހެއާ ދިފާއުކުރަން ޖެހުމުންނެވެ. މެޗުގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފްގައި ކުޅެމުން ދިޔަ އަވަސް ސްޕީޑު އެ ހާފްގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ހާފްގެ ފުރަތަމަ ކޮޅު ޓޮޓެންހެމްގެ ޑެމްބެލޭ، ސުން ކަނޑުވަން ލިބުނު ފުރުސަތު ގެއްލުވާލިއިރު، 89 ވަނަ މިނެޓުގައި ހެރީ ކޭން ނެގި ޝޮޓުގެ ހުރަހަކަށްވީ ކީޕަރު ޑެ ހެއާ އެވެ. ޔުނައިޓަޑާ އެއްފަދައިން ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމްވެސް ވަނީ އަވަސް ލީޑެއް ހޯދާފައެވެ. ސައުތޭމްޕްޓަނާ ދެކޮޅަށް ކުޅުނު އެ މެޗުގެ 11 ވަނަ މިނެޓުގައި ޗެލްސީގެ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ހޯދަދިނީ ޑިއޭގޯ ކޯސްޓާ އެވެ. އަވަސް ލީޑެއް ލިބުނު ނަމަވެސް ޗެލްސީއަށް ވަނީ ލީޑު ދެމެހެއްޓޭ ގޮތް ނުވެފައެވެ. މެޗުގެ 18 ވަނަ މިނެތުގައި ޗެލްސީގެ މެޓިކް ސައުތޭމްޕްޓަންގެ މާނޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ސައުތޭމްޕްޓަނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޓެޑިކް އެވެ. އަދި އެ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި ސައުތޭމްޕްޓަން ލީޑު ފުޅާ ކޮށްލަން ރަނގަޅު ފުރުސަތުތަކެއް ހޯދިނަމަވެސް، އެ ޓީމަށް ވަނީ އެކަން ނުވެފައެވެ. އެ މެޗުގެ ދެވަނަ ހާފްގައި މެޗު ކޮންޓްރޯލް ކުރީ ޗެލްސީ އެވެ. އަދި އެ ހާފްގައި ކޯސްޓާ ސައުތޭމްޕްޓަންގެ ގޯލް ދަނޑިއަށް ޝޮޓެއް އަމާޒު ކޮށްލި އިރު، ވިލިއަން އާއި ހަޒާޑް އަދި ރެމީ ވަނީ ޗެލްސީގެ ފޯވާޑް ލައިންގައި ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. ނަމަވެސް ކީޕަރު ފޯސްޓާ އާއި ސައުތޭމްޕްޓަންގެ ޑިފެންސް ލައިނުން ކުރި މަސައްކަތާއެކު، އެ ޓީމް ވަނީ ޗެލްސީ އިތުރު ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓާލާފައެވެ.