16 Mar 2015, 10:23
"ޗެންނާއީ އެކްސްޕްރެސް" އަދި "ސިންގަމް" ފަދަ ބޮލީވުޑްގެ މަޝްހޫރޫ އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރޯހިތު ޝެޓީގެ އެންމެ ފަހުގެ ފިލްމް، ދިލްވާލޭ" އާ ގުޅޭގޮތުން އެކިކަހަލަ ވާހަކަތަކެއް ވަނީ މީގެ ކުރިން ފެންމަތިވެފަ އެވެ. އެ ފިލުމުގައި ޝާހް ރުކް ޚާން ފެނިގެންދާނެ ކަން ކަށަވަރުވި ނަމަވެސް، ޝާހު އާއެކު ފެނިގެންދާނެ ތަރިއަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
ނަމަވެސް، އެ ސުވާލުތަކުގެ ޖަވާބު ރޯހިތު ވަނީ އޭނާގެ ފޭނުންނަށް މިދިޔަ ހޮނިހިދު ދުވަހު ފާހަގަކުރި އޭނާގެ އުފަން ދުވަހު ހިއްސާކޮށްފަ އެވެ.
"އެ ފިލްމުގައި ޝާހް ރުކްއާ އެކު ކާޖޮލް އަދި ވަރުން ދަވަން، ކްރިޓީ ސަނޮން، ވިނޯދް ކަންނާ، ކަބިރް ބެޑީ، ޖޯނީ ލެވާ އަދި ވަރުން ޝަރްމާ ފެނިގެންދާނެ. ފިލްމަކީ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ރޯހިތު ޝެޓީ ޕްރޮޑަކްޝަނާ ގުޅިގެން ހަދާ ފިލްމެއް. މިއީ އެއްވެސް ފިލްމެއްގެ ކޮޕީއެއް ނޫން. އަދި ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު މަހު،" ރޯހިތު ބުނެފައިވެއެވެ.
ފަސް އަހަރަށްފަހު އަނެއްކާ ވެސް ޝާހް އާއި ކާޖޮލް އެކުގައި ސްކްރީނަށް އަންނަ އިރު، އެ ޖޯޑު އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، 2010 ވަނަ އަހަރު ނުކުތް ފިލްމް، "މައި ނޭމް އިސް ޚާން" އިންނެވެ.
މީގެ އިތުރުން، އޮންސްކްރީންގެ އެންމެ މޮޅު ދެ ލޯބިވެރިންގެ އެވޯޑްތައް ވެސް ހޯދާފައިވާ އެ ދެ ތަރިންނަކީ "ކުޗް ކުޗް ހޯތާހެއި"، "ބާޒީގަރު"، "ކަބީ ޚުށި ކަބީ ޣަމް،" ފަދަ މަޝްހޫރު ލޯބީގެ އެތައް ފިލްމުތަކެއްގައި ލޯބީގެ ޖާދޫ ދައްކާލާފައިވާ ދެ ތަރިންނެވެ.
ރޯހިތުގެ ފިލްމުގައި ފެނިގެންދާނެ ތަރިންގެ މައުލޫމާތު ހިއްސާކުރި ނަމަވެސް އެ ފިލްމަކީ ކޮންކަހަލަ ފިލްމެއް ކަމެއް ރޯހިތު ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނާގޮތުން، އެ ފިލްމަކީ ހުރިހާ ކަމެއް އެކުލެވިގެންވާ އާއިލީ ފިލްމެކެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު ކާޖޮލް އެނބުރި ގެނެސް ޝާހު އާއެކުގައި މަސައްކަތްކުރުވުމަކީ ބޮޑު ޒިންމާއެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައި އިންޑިއާގެ މަރުކަޒީ ރަށް، މުމްބާއީގައެވެ. އަދި ފިލުމުގެ ފުރަތަމަ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ ވަރުނާއި ކިރްނީގެ އެވެ.